މި ސަރުކާރުގެ އަމާޒަކީ އާބާދީ އެއްފަސްކުރެވެންދެންވެސް، ހުރިހާ ޚިދުމަތްތަކެއް ހުރިހާ ރަށަކުން ލިބޭނޭ ގޮތް ފަހިކޮށްދެއްވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރެއްވުމަށް ”ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް“ މިނަމުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ އިހުތިފާލުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދެން އިރާދަކުރެއްވިއްޔާ ފެންނާނީ ސަރަޙައްދީ ތަރައްޤީގެ އާ ބާބެއްކަމުގައެވެ.
އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި މަތީ ފަންތީގެ ޚިދުމަތްތަކާއެކު އަރބަން ރީޖަން ތަޢާރަފުކޮށް، މިހާރު އިޢުލާނުކޮށްފައިވާ ފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7 އާރބަން ސެންޓަރު ތަރައްޤީކުރެވިގެންދާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެންމެންނަށްވެސް އެއް ފެންވަރެއްގެ ރަނގަޅު ޚިދުމަތްތައް ލިބުންކަމަށެވެ. އެހެންނަމަވެސް މި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯއްދަވާނޭކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.
”ސަރުކާރުގެ އަމާޒަކީ އާބާދީ އެއްފަސްކުރެވެންދެންވެސް، ހުރިހާ ޚިދުމަތްތަކެއް ހުރިހާ ރަށަކުން ލިބޭނޭ ގޮތް ފަހިކޮށްދިނުން. އެގޮތުން، އޭޓީއެމް ނެތް ހުރިހާ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފަށައި، ކޮންމެ ރަށަކުން އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމު ފަހިކޮށްދެއްވާނަން. ހުރިހާ އަތޮޅަކަށް އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސަބްސިޑީއާއި އާސަންދަ އަދި އިޖުތިމާޢީ ރައްކާތެރިކަން، ސަލާންޖަހަން ނުޖެހޭ މިންވަރަށް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޕޭ ހާމަނައިޒްކުރުމުގެ ނިޒާމުގެ ތެރެއިން މިހާރު މުސާރަ ބޮޑު ނުވެ ހުރި ސިވިލް ސަރވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކޮށް، 2026 ގެ ނިޔަލަށް ޖުޑިޝަރީގައި މަސައްކްކުރާ ހުރިހާ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރައްވާނޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ.
ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައވާކަމާއި، ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކެންސަރ، ތެލެސީމިޔާ، މެންޓަލް ހެލްތުގެ ސްޕެޝަލްޓީ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި 5 ހޮސްޕިޓަލު ޤާއިމުކުރުމަށް ރާއްވަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ދާއިރާގެ ޢިމާރާތް އެޅުމާއި، އިކުއިޕްމަންޓް ގަތުމާއި، މީހުން ބިނާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ޚާއްޞަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ބާކީ މި އޮތް ހަފުތާތަކުގެ ތެރޭގައި ޖީޕީ ނުވަތަ ޢާންމު ބަލިތަކުގެ ކްލިނިކްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޙަޤީޤީ ޢަމާޒަކީ، ސިއްޙީ ފަރުވާ ހޯދުމަށް، ދިވެހިން ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ލުއިކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާލުވިއެވެ.




