އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރާގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން މިއަދު ހުޅުވާލައިފިއެވެ.
އެ ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކައިލް ނަސީމް ހުށަހެޅި ބިލެކެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން އެ ބިލު އަންނަނީ ދިރާސާ ކުރަމުންނެވެ.
އެގޮތުން އެ ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރާގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ފަސްކުރުމަށެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ އެބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން އިއުލާނު ކޮށްފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 ގެ ނިޔަލަށް މަޖިލިހުން ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅޭގޮތުން ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ މުއްދަތުގެ ތެރޭގައި 241 ކޮމިޓީގެ އީމެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އިއުލާނުގައި ބުނެފައިވެ އެވެ.



