މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އެގޮތުން ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 26 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
ޓީވީތަކާއި ރޭޑިއޯ ރެގިއުލޭޓްކުރާ ކޮމިޝަނުން އެންމެ އަވަހަށް ހަމަވަނީ ރައީސް މަރިޔަމް ވަހީދާ އާއި މެމްބަރު އަލީ ޔޫސުފްގެ ދައުރެވެ. އެ ދެ ބޭފުޅުންގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 5 ގައި ހަމަވާނެ އެވެ.



