އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތައް ކަމަށްވާ ”ބަވަތި“ އަދި ”ނީނާ“ ގެ އުފެއްދުންތެރިން ގެނެސްދޭ ”ދޭދަރު ރުއިން“ ރޭ އޮލިމްޕަސް ސްކްރީނުގައި ޕްރިމިއަރ ކޮށްފައިވާއިރު، މި ފިލްމަކީ މީގެ ޓްރެއިލަރުން ފެނިފައިވާ ގޮތާ މުޅިން ތަފާތު އަދި ދިވެހީންގެ އެކްޓިންގެ ހުނަރަށް ބޮޑު ތަފާތުކަމެއް ގެނެސްދިން ފިލްމެއްކަން ޔަގީންވިއެވެ.
”ދޭދަރު ރުއިން“ އަކީ އިންސާނުން ޓްރެފިކް ކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާފައިވާ ފުރަތަމަ ދިވެހި ފިލްމެވެ. ފިލްމުގައި ހިމެނޭ ކޮރިއޮގްރާފް ކޮށްފައިވާ އެކްޝަންތަކުން އިތުރު ފުރިހަމަކަމެއް މި ފިލްމަށް ވަނީ ގެނެސްދީފައެވެ.
ފިލްމުގެ މެއިން ތަރިންގެ ގޮތުގައި ހިމެނެނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އާ ނަމަކަށް ހަމަ ޔަގީނުންވެސް ނުވާ ޝަރަފް ޢަބްދުﷲ އާއި މި އިންޑަސްޓްރީގައި ކާމިޔާބު ޕްރޮޖެކްޓުތަކުން ފެންނަމުން އަންނަ މައިހާ އާދަމް އެވެ. މި ދެތަރިންގެ އިތުރުން ދެން މުހިންމު ރޯލެއް ކުޅެފައިވަނީ މުޅިން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ނޭޕާލްގެ ރައްޔިތެއް ކަމުގައިވާ ސުޝްމާ ސުބޭދީ އެވެ. އަދި ހަމައެފަދައިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ މޫސާ ރަޝީދު ވެސް މި ފިލްމުން ފެނިގެންދެއެވެ.
މިތަރިންގެ އިތުރުން ހަމަޔަގީނުން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެކްޓިންގެއް މި ފިލްމުގައި ދައްކުވައިދީފައިވަނީ ހާޒިފްއާއި އަލީފްއެވެ.
މެއިން ތަރިންގެ ހުނަރު:
މައިހާ އާދަމް (މައި)
”ދޭދަރު ރުއިން“ ޕްރިމިއަރ ކުރިއިރު ސްޓޭޖުމަތީގައި މައި ބުނީ މި ފިލްމުން ހަމަޔަގީނުން ވެސް ފެނިގެންދާނީ އޭނާގެ ވަރަށް ތަފާތު އެކްޓިންގެއް ކަމަށެވެ. ފިލްމު ބެލުމުން ފާހަގަވީ ވެސް ހަމައެހެންނެވެ. ފިލްމުގެ އެންމެ ބޮޑު ވިލަންއަށް އެއްވެސް ޖެހިލުމެއް ނެތި އޭނާ ދިން ރައްދު ޖަވާބުތަކުން ވެސް މައި އަށް ބެލުންތެރިންގެ ތަރުހީބު ބޮޑުވެގެން ދިޔައެވެ.
ޝަރަފް ޢަބްދުﷲ
މިއީ ހަމަޔަގީނުން ވެސް މިހާރު ފިލްމީ ދާއިރާއަށް އައު މޫނެއް ނޫނެވެ. އެކްޝަން ފިލްމެއް ކުޅުނަސް، ލޯބީގައި އާވާރާވެފައިވާ މީހެއްގެ ރޯލު ކުޅުނަސް ނުވަތަ މަޖާ ކޮމެޑީއެއް ކުޅުނަސް ޝަރަފްއަކީ ހަމަ ގައިމުވެސް އެ ރޯލަކަށް ފިޓުވާ ކުޅަދާނަ ފަންނާނެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިހެން ބުނުމުން އޭނާ މީގައި ދައްކުވައި ދިނީ ހަމަ ކުރިންވެސް ކުޅުނު ރޯލެކޭ ހީވެދާނެއެވެ. ނަމަވެސް އެހެނެއް ނޫނެވެ. ޝަރަފް މި ފިލްމުގައި ކުޅެފައިވާ ރޯލާއި އޭނާގެ އެކްޓިންގާމެދު މާބޮޑު ތަފްސީލެއް ދީފިނަމަ ފިލްމުގެ ކުރިމެރިދާނެއެވެ.
ސުޝްމާ ސުބޭދީ
”ދޭދަރު ރުއިން“ އަކީ ސުޝްމާގެ ފުރަތަމަ ދިވެހި ފިލްމު ކަމުގައިވިޔަސް، ހަމަޔަގީނުން ވެސް އެކްޓިންގަށް އޭނާ އާހެނެއް ހިއެއް ނުވެއެވެ. އަދި މި ފިލްމު ބަލާފައި އޭނާއަށް އިތުރު ދިވެހި ފިލްމުތަކުން ފުރުސަތު ލިބުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއްހެން ހީވެއެވެ. އެހާވެސް އޭނާގެ އެކްޓިންގް ފުރިހަމައެވެ.
މޫސާ ރަޝީދު
ތެދަށް ބުނަންޏާ މޫސަ މިފިލްމުން ފެނިގެން، އަދި އޭނާ ކުޅޭ ކެރެކްޓަރ ވެސް ފެނިފައި، ފުރަތަމަ ވެސް އޭނާ ހުންނަ ގޮތާމެދު ހިތާހިތުން ޖަޖް ކޮށްލެވުނެވެ. ދެން މިހާ ހިކިކޮށް ހުރި މީހަކަށް އެކަހަލަ ރޯލެއް ކިހިނެއްހޭ ކުޅެވޭނީ ހިތަށް އެރިއެވެ. ނަމަވެސް، މޫސަ ވަނީ އޭނާގެ އެކްޓިންގާއި އެކްޝަންތަކުން ހަމަޔަގީނުން ވެސް އަޅުގަނޑުގެ ހިޔާލު ބަދަލު ކޮށްލާ، އަޅުގަނޑަށް ހީކުރެވުނީ އޭނާއާމެދު ނުބައިކޮށްކަން ސާބިތުކޮށްދީފައެވެ. މިހާރު ހަމަޔަގީނުން ވެސް ބުނެވޭނީ، މޫސައަށްވުރެ ރަނގަޅަށް ފަހަރުގައި އެކެރެކްޓަރ އެހެން މީހަކަށް އެހާ ފުރިހަމަކޮށް ނުކުޅެވިދާނެ ކަމަށެވެ.
ހާޒިފް
މިފިލްމުން އަޅުގަނޑުގެ އެންމެ ފޭވަރިޓް އެކްޓަރަކީ ކާކުތޯ ސުވާލުކޮށްފިނަމަ ހަމަޔަގީނުން ވެސް އަޅުގަނޑު ބުނާނީ އެއީ ހާޒިފް ކަމަށެވެ. މިއީ ދެންތިބި އެކްޓަރުންނަށް ބުނާ ދެރަބަހެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ޕަރސަނަލް ޗޮއިސްއެވެ. ސަބަބަކީ މި ފިލްމުގައި ހާޒިފް ދައްކުވައިދީފައިވާ ފުރިހަމަ އެކްޓިންގެވެ. ފިލްމުގައި އޭނާ ފެންނަ މަގާމާ އަޅާބަލާފަ، އޭނާ ގެންގުޅެފައިވާ ސަކަ މިޒާޖެވެ. އަދި އޭނާ އެ މަގާމަށް ގޮސްފައިވަނީ ހަމަ ގަދަ މީހަކަށްވުމުންކަން ފުރިހަމަ އެކްޝަން ސްޓަންޓުތަކަކާއެކީ ހާޒިފް ދައްކުވައިދީފައިވެއެވެ.
އަލީފް
އަލީފް އަކީ ވެސް މިހާރު ފިލްމުތަކުން މަދުން ނަމަވެސް ފެންނަމުން އަންނަ އެކްޓިންގެ މޮޅު ހުނަރު ހުރި ތަރިއެކެވެ. އޭނާއަކީ އުންމީދީ ތަރިއެކެވެ. އަދި ގިނަ ބޮޑެތި ފުރުސަތުތަކެއް ލިބިއްޖެނަމަ ހަމަޔަގީނުން ވެސް ފިލްމު އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ފެންނާނެ ތަރިއެކެވެ. އޭނާ ކުޅޭ މަދު ރޯލުތަކުން ވެސް މިކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދެއެވެ. އަދި މި ފިލްމު ހިމެނޭހެން އޭނާގެ ކޮންމެ މަސައްކަތަކުން ވެސް ފެންނަނީ ބެލުންތެރިން ހައިރާން ކޮށްލުވާފަދަ މޮޅު އެކްޓިންގެކެވެ.
އައްޒާމް ޑައިރެކްޓު ކޮށްފައިވާ ”ދޭދަރު“ ގެ ސިނަމަޓޮގްރަފީ ހަދާދީފައިވަނީ އިސްމާޢީލް ޔާނިމް (އޮކްނޯ) އެވެ. އަދި އެޑިޓިންގްގެ މަސައްކަތް ކޮށްފައިވަނީ އާދަމް ޝިނާދު އެވެ. ފިލްމުގެ ސައުންޑް އަދި ކްރޫއަކީ ވެސް އޮކްނޯއެވެ. އަދި ބެކްގްރައުންޑް މިއުޒިކު ހަދާދީފައިވަނީ ފައްޗުއެވެ. ކާސްޓުންގެ މޭކަޕް ކޮށްފައިވަނީ ކުޅަދާނަ މޭކަޕް އާޓިސްޓުން ކަމަށްވާ ސޭންޑީ އަދި ރުތުބާ އަޙްމަދުއެވެ.
ރިވިއު ނިންމާލާނީ، ފިލްމުގެ ނިމޭބަޔަށް ކުޑަކޮށް އަލިއަޅުވާލަމުންނެވެ. ސުރުހީގައި ވެސް ބުނި ފަދައިން އެއީ ބޮޑު ސަޕްރައިޒެކެވެ. އޭނާ ދަންނަ އެންމެންވެސް އެމަންޒަރު ފެނުމުން ވަރަށް ބޮޑަށް ސަޕްރައިޒްވިކަން ކަށަވަރެވެ. އިތުރަށް އެކަމާ ބެހޭގޮތުން އެއްޗެއް ބުނެ މި ފިލްމު ބެލުމުގެ ކުރިން އެ ސަޕްރައިޒް ހާމަކޮށްލާކަށް އަޅުގަނޑު ނެތީމެވެ.



