މި ވާހަކައަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ވާހަކައެކެވެ. މިއީ 1990 ވަނަ އަހަރުގެ ތެރޭގައި ފުވައްމުލަކު ދިގުވާނޑު އަވަށު ކަތީބުގޭ އިބްރާހީމް ސަޢީދު، ސްޕެއިންގެ ޝަވިއޭރ ރޮމޭރޯ-ފްރިއާސްއަށް ވިދާޅުވެދެއްވުމުން އޭނާ އިނގިރޭސި ބަހުން ލިޔުއްވާފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް ދިވެހި ބަހުން ގެނެސްދޭ ވާހަކައެކެވެ. މި ވާހަކަ އޭނާ ވަނީ އޭނާ ލިޔުއްވި ’ދަ މޯލްޑިވް އައިލެންޑަރސް‘ އޭ ކިޔުނު ފޮތުގައި ޝާއިޢުކުރައްވާފައެވެ. ބުނެވޭ ގޮތުގައި މި ވާހަކައިގައި ބުނާ ހާދިސާ ހިނގާފައިވަނީ މީގެ ގާތްގަނޑަކަށް 800 އަހަރު ކުރީންނެވެ. ވާހަކަ ކިޔަނީ މިފަދައިންނެވެ:
ވަރަށް އިހުޒަމާނެއްގައި، ފުވައްމުލަކުގައި ވަރަށް ބޮޑު ބަލިމަޑުކަމެއް ފެތުރުނެވެ. މި ބަލިމަޑުކަމުގެ އަސަރު ނުކުރާ ހަމަ އެއްމެ ގެއެއް ވެސް ނެތެވެ. މި ބައްޔަކީ ނުރައްކާތެރި މަރުގެ ބައްޔެކެވެ. ބަލީގެ އަސަރު އެއްމެ ފުރަތަމަ ކުރަންފެށީ ކުޑަކުދީންނަށެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވަނީސް ބޮޑެތި މީހުންނަށް ވެސް ބަލިޖެހެން ފެށިއެވެ. ކޮންމެ އާއިލާއަކުން ވެސް އެކަކު ނުވަތަ ދެމީހުން މަރުވަމުން ދިޔައެވެ. ފަންޑިތަވެރީންނަށް ވެސް މި ބަލިމަޑުކަން ނުހުއްޓުވުނެވެ. އެމީހުން ފަންޑިތައިގެ ބޭނުން ކޮށްގެން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔައެވެ. އަދި މިކަން އިތުރަށް ގޯސްވީ ނުބައި ނިޝާނެއް ފެނުނު ފަހުންނެވެ. ވައި މަޑުޖެހިފައިވާ ވަގުތެއްގައި، ރަށުގެ ދެފަރާތުން މެދަށްވާ ގޮތަށް އޮތް ދެ ކުޅިން އުފުލުނު އާވި އެއްވެ، ރަށުގެ ހުޅަނގުއުތުރުން އިރުދެކުނަށް ދިގު، ބިރުވެރި ވިލާގަނޑެއްގެ ސިފައިގައި ފެތުރިގެން ދިޔައެވެ. މިއީ ހިބަރެއްގެ ސިފައިގައި އޮތް ވިލާގަނޑެއް ކަމަށާއި، އޭގެ ނިގޫ ލަސްލަހުން ދައުރުވަމުންދިޔަ ކަމަށް ބުނެވެއެވެ.
ރަށުގެ އެންމެ ކުޅަދާނަ ފަންޑިތަވެރީން މަހެއްގެ ސިފައިގައިވާ މި ނުބައި ވިލާގަނޑު ނެތިކޮށްލުމަށް ފަންޑިތަ ހެދި ނަމަވެސް، އެކަމުގައި ކާމިޔާބު ނުވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔައެވެ. މި ނުބައި ދުވަސްވަރު، މި ބިރުވެރި ވިލާގަނޑު ރަށުގެ މަތީގައި ނުފިލައި އޮތެވެ. މި ވަގުތު، ކޮންމެ ގެއަކުން ވެސް، ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން އެކަކު ފަހަތުން އަނެކަކު މަރުވަމުން ދިޔައެވެ. އެންމެ މޮޅު ފަންޑިތަވެރިން ވެސް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ނުކުޅެދިގެންވީ ތަން ފެނުމުން، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. ފަންޑިތަވެރިން އަވަސް އަވަހަށް ވާރުވެރިޔާ (އެއީ އޭރު ރަށުގެ އެންމެ މަތީ ވެރިޔާ) އާއި އަދި އޮޑިދޯނިފަހަރުގެ ވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއެވެ. އެކަމަށްޓަކައި ވާރުގެއާއި އެގޭ ބޭރު ފެންޑާގައި ގިނަ އަދަދެއްގެ ވޮށް ދިއްލައި އަލިކުރެވިފައި ހުއްޓެވެ. ގިނަ އަދަދެއްގެ ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން ބޭރުގައި ކަންބޮޑުވެފައި މަޑުކޮށްގެން ތިއްބެވެ. ހިތާމަވެރި އަޑަކުން، ރަށުގެ އެންމެ މޮޅު ފަންޑިތަވެރީން ވާރުވެރިޔާއަށާއި ރަށުގެ ވިޔަފާރިވެރީންނަށް ދެންނެވީ ފުވައްމުލަކަށް ޖެހިފައިވާ މުސީބާތް މާ ބޮޑުވެފައިވާ ކަމަށާއި، މި ވަގުތު ފަންޑިތައިން އެކަން ހުއްޓުވޭވަރަށްވުރެ ނުރައްކާ ބޮޑުކަމަށެވެ. އެމީހުން އިންޒާރުދިނީ އެންމެން ރަށުން ފުރައިގެން ނުގޮސްފިނަމަ، ރަށުގައި ތިބި އެންމެން މި ބަލިމަޑުކަމުން ފުހެވިނެތިދާނެކަމަށެވެ.
މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، ބިރުވެރިކަމާއި މަރުގެ ހިޔަނި އޮތުމުން، ގިނަ މީހުން ރަށުގައި ތިބުމަށް ބޭނުމެއް ނުވިއެވެ. ބައްދަލުވުން ނިމުނީ، ރަށް ދޫކޮށްލުމުގެ ނިންމުމަށް އެންމެން އިއްތިފާޤުވެގެންނެވެ. އަދި މި ނިންމުމުގައި އެކިއެކި މީސްމީސްހުން އެކިއެކި ރަށްރަށަށް ދިޔުމުގެ ބަދަލުގައި ރަށު އެންމެން އެއް ރަށަކަށް ގޮސް އެކުގައި ދިރިއުޅުމަށް ވެސް ނިންމިއެވެ. އެހެންނޫނީ އެމީހުން ވަކިވަކިވެ އެކި ތަންތަނަށް ފެތުރިގެން ހިނގައިދާނެތީއެވެ. އެމީހުން ނިންމީ އުތުރަށް ދަތުރުކޮށް، ހުވަދުއަތޮޅު ފަހަނައަޅައި، ކަނޑު ހުރަސްކޮށް، ހައްދުންމަތީ ގަމަށް ދިޔުމަށެވެ. ހޫނު، ގިނަ ބަހުސްތަކަކަށްފަހު، އެރަށް އިޚްތިޔާރުކުރީ ރަށުގެ ވިޔަފާރިވެރީންނެވެ. އެމީހުން ކޮންމެ އަހަރަކު ސިލޯނަށް ކުރާ ދަތުރުތަކުގައި ގިނަފަހަރު މި ދިގު މާރަށަށް މަޑުކޮށް، އެތަނުގެ މީހުންނާ ރަނގަޅު ގުޅުމަކާއި ރަޙްމަތްތެރިކަން އުފެދިފައިވާތީއެވެ.
އެންމެންވެސް އެމީހުންގެ ރަށް ދޫކޮށްދާން ޖެހުނީތީ ވަރަށް ހިތާމަކުރިއެވެ. ނަމަވެސް އެމީހުންގެ ބިރުވެރިކަން ހިތާމައަށްވުރެ ބޮޑެވެ. އަދި މި ޚަބަރު އެއްގެއިން އަނެއްގެއަށް ވަރަށް އަވަހަށް ފެތުރުނެވެ. މާގިނަ އިރެއް ނުވެ، ކޮންމެ ގެއެއްގައިވެސް ފިރިހެނުންނާއި އަންހެނުން ދަތުރަށް ތައްޔާރުވުމަށާއި، ފުވައްމުލަކާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ކުރުމުގައި ހޭބޯނާރައި އުޅުނެވެ. އާ ރަށަކަށް ދާއިރު، އެމީހުން އަމިއްލައަށް ބޭނުންކުރާނޭ ކާބޯތަކެތި ގެންދަން ޖެހުނެވެ. އެހެންނޫނީ އެމީހުންދާ ރަށުގެ މީހުންނަށް ބުރައަކަށްވެ، އެމީހުންނާ މެދު ނުބައިކޮށް ވާހަކަދައްކަން ފުރުޞަތު ލިބިދާނެތީއެވެ. މީގެ އިތުރުން، ދިވެހިންގެ އާދަކާދައާ އެއްގޮތަށް އާ ރަށަކަށް ދާއިރު އެރަށުގެ އަހުލުވެރީންނަށް ހަދިޔާ ވެސް ގެންދަން ޖެހެއެވެ. ގިނަ އަންހެނުން މިކަމަށްޓަކައި ފޮނިކާތަކެތި ތައްޔާރުކުރުމުގައި އުޅުނު ވަގުތު އެމީހުންގެ ބިރުވެރިކަން ވަގުތީގޮތުން ހަނދާންނެތިފައިވީ ކަހަލައެވެ.
އައްޔަނި ދައިތަވެސް މިގޮތުން ދަތުރަށް ’ފުއްކަރޮ‘ (ފަތުލިހަކުރު) ތައްޔާރުކުރުމުގައި ބަދިގޭގައި އުޅުނެވެ. އައްޔަނި ދައިތައަކީ އާއިލާގައި އިތުރު މީހަކު ނެތް، ރަށުގެ އުތުރު ފަރާތުގައި އޭނާގެ އަވަށް ނިމޭކޮޅުގައި ހުންނަ ކުޑަކުޑަ ގެއެއްގައި އެކަނިމާއެކަނި ދިރިއުޅޭ މީހެކެވެ. އޭނާއަކީ ޒުވާން އުމުރު ފަހަނައަޅާފައިވާ މީހެކެވެ. ނަމަވެސް އަދި ދުވަސްވީ މީހުންނަށް ޖެހޭ ބަލިތަކެއް ޖެހިފައެއް ނުވެއެވެ. އަދި އޭނާއަކީ އަމިއްލައަށް އެކަނިހާލައިގެން ރަނގަޅަށް ދިރިއުޅެމުން ދިޔަ މީހެކެވެ. އޭނާއަކީ ހަރަކާތްތެރި، ބުރަކޮށް މަސައްކަތްކުރާ، އަދި އަބަދުވެސް އުފާވެރިކަމާއެކު ހުންނަ މީހެކެވެ. އޭނާގެ ގެއާ ކައިރީގައި ހުރި ގެތަކުގައި އުޅޭ މީހުން އުޅުނީ އަވަދިނެތި ފޮށިތަންމަތި ބަނދެ ބަންދުކުރުމުގައެވެ. ޒުވާން ފިރިހެނުން ހުރިހާ ފޮށިތަންމައްޗާއި އެހެނިހެން ތަކެތި ދޯނިތަކަށް އުފުލަމުން ދިޔައެވެ. އައްޔަނި ދައިތަ ފުއްކަރޮ ކެއްކުމާއިގެން މަޝްޣޫލުވެ އުޅުނުލެއް ބޮޑުކަމުން އޭނާގެ އަވައްޓެރިން އޭނާއަށް ގޮވައި އަވަހަށް ތައްޔާރުވެގެން ދިޔުމަށް ބުނި އަޑަކަށް އޭނާއަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ނަމަވެސް ވިސްނާނުލައި ހުރެ އެބަދަމޭ ބުނެވުނެވެ.
ދޯނިތަކަށް ތަކެތި އަރުވައި، އަދި މީހުން އަރަމުންދިޔައިރު ވަރަށް ބޮޑަށް ހަލަބޮލިވެފައި ވުމުގެ ސަބަބުން، އަވައްޓެރިންނަށް އައްޔަނި ދައިތަގެ މަތިން ހަނދާނެއް ނުވިއެވެ. ދެން މާކަ ގިނައިރެއް ނުވެ، ފުވައްމުލަކުގެ މަސްދޯނިފަހަރާއި ވިޔަފާރި އޮޑިދޯނިފަހަރު އެކުއެކީގައި ފުރައިގެން އުތުރަށް ދަތުރުކުރަން ފެށިއެވެ. އައްޔަނި ދައިތަ އޭރު ވެސް ހުރީ ފުއްކަރޮ ކައްކާށެވެ. ”މިހާރު ރަނގަޅަށް ބޯވެއްޖެ،“ އޭނާ ހިތަށްއެރިއެވެ. ކުއްލިއަކަށް އޭނާއަށް އާދަޔާ ޚިލާފު ކަމެއް ފާހަގަކުރެވުނެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އައްޔަނި ދައިތައަށް ކުއްލި ބިރުވެރިކަމެއް އިހުސާސްވެ، ބަދިގެއިން ނުކުމެގެން ދިޔައެވެ. ބޭރުގައި އޮތީ މުޅީން ހަމަހިމޭންކަމެވެ. އޭނާ ޖެހިގެން ހުރި ގެއަށް ދުވެފައި ގޮސް ބެލިއިރު، އެ ގޭގައި އެކަކު ވެސް ނެތެވެ. ހިތުގެ ވިންދު އަވަސްވެފައި ހުރެ، އޭނާ މުޅި ރަށުތެރެއަށް ދުވެފައި ދިޔައެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހާ ގެތަކެއްވެސް ހުރީ ފަޅަށެވެ. ބައެއް މީހުން އަވަސް އަވަހަށް ފުރައިގެން ދިޔައިރު، އަގުބޮޑެތި ތަކެތިވެސް ބައެއް ތަންތަނަށް ވެއްޓިފައި ހުއްޓެވެ. އައްޔަނި ދައިތަ ބިރުން ގޮނޑުދޮށަށް ދުވެފައި ދިޔައެވެ. އެދިޔައިރު އޭނާ ދިޔައީ ހަޅޭއްލަވަމުންނެވެ. ނަމަވެސް ރަށް އެހާ އާދަޔާ ޚިލާފަށް ހަމަހިމޭންވެފައި އޮތުމުގެ ސަބަބުން، އޭނާގެ ހަޅޭކުގެ އަޑު ވެސް ރަށުތެރެއަށް ފޫދިގެން ދާހެން ހީވިއެވެ. ގޮނޑުދޮށަށް ދެވުނު އިރު، އޭނާގެ އެންމެ ބޮޑު ބިރު ހަގީގަތަކަށް ވެގެން ދިޔަކަން ޔަގީންވިއެވެ.
ވަރަށް ދުރުން، ލޮލުކޮޅުން އޭނާއަށް އޮޑިދޯނިތަކުގެ ރިޔާތައް ފެނުނެވެ. އައްޔަނި ދައިތަ ގޮނޑުދޮށުގައި ހަޅޭއްލަވައި، ފުންމައި، އެގޮތް މިގޮތަށް ތެޅިފޮޅުނެވެ. އެންމެ ފަހުން ވަރުބަލިވެ، ހިތާމައާއެކު އޭނާއަށް ވިސްނުނީ އެހާދުރުން، އުޅަނދުތަކުގައި ތިބި މީހުންނަށް އޭނާ ފެނުމުގެ ފުރުސަތެއް ނެތްކަމަށެވެ. އެހިނދު އައްޔަނި ދައިތައަށް އިންތިހާއަށް ރުޅިއާދެވުނެވެ. އެމީހުން އޭނާ ދޫކޮށްފައި ދިޔައީ ކީއްވެގެންހެއްޔެވެ؟ އޭނާ ދޮންވެލިގަނޑުގެ މަތީގައި އިށީނދެ އިނދެ ރޯންފެށިއެވެ. ކުޑައިރުކޮޅެއްފަހުން އޭނާ ވަށައިގެން ބަލާލުމުން ރުޅި، ހިސާބަކަށް މަޑުވިއެވެ. އަގުހުރި ތަކެތި ގޮނޑުދޮށުގައި އެތަންމިތަނަށް އުކާލެވިފައި ހުއްޓެވެ. ކުނާތަކާއި، ބިލެތްމުޅިތަކާއި، ކާއްޓާއި މަހުން ފުރާލާފައިވާ މުޅޯށިތަކާއި، ފައިތައް ބަނދެ ހައްޔަރުކޮށްފައިވާ ކުކުޅުތަކާއި އަދި އެހެނިހެން ގިނަ ތަކެއްޗެވެ. އޭނާއަށް ވިސްނުނީ މީހުން އޮޑިދޯނިތަކަށް އަރާފައިވަނީ އަވަސް އަވަހަށްކަމާއި، އަވަސްވެގަތުމުގައި އަގުބޮޑު ތަކެތި ދޫކޮށްލާފައި ދިޔައިރު، އެފަދަ ވަގުތެއްގައި އޭނާކަހަލަ ނިކަމެތި، އެކަނި އުޅޭ އަންހެނެއްގެ މަތިން ހަނދާންކުރާނީ ކިހިނެއްހެއްޔެވެ؟
އައްޔަނި ދައިތަ ފައި ބަނދެފައި ހުރި ކުކުޅުތަކުގެ ފައިތައް މޮހައި އެތަކެތި ދޫކޮށްލިއެވެ. އަދި އެސޮރުމެން ދުވެފައި ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ފޮރުވިގެންދިޔަ މަންޒަރު ބަލަހައްޓައިގެން ހުއްޓެވެ. އަދި އޭނާ ފުން ނޭވާއެއް ލިއެވެ. އޭނާގެ ދިރިއުޅުމުގައި ވޭނާއި ތަދު ދެކެފައިވެއެވެ. ބަނޑުހައިހޫނުކަމާއި ކުރިމަތިލާންޖެހުނެވެ. އަދި މި ނުރައްކާތެރި ބަލިމަޑުކަމުގައި އެތައް ބަޔަކު މަރުވަމުންދިޔަ މަންޒަރު ދުއްޓެވެ. ނަމަވެސް މިފަދަ އުނދަގޫ ދަތި ދުވަސްވަރުގައިވެސް އޭނާ މުޅިން އެކަނި ވެފައެއް ނުވެއެވެ. އެކަމާ ނުހަނު ކަންބޮޑުވެފައި ހުރެ އޭނާ އޭނާގެ ގެއަށް އެނބުރި ދިޔައެވެ. މި ބޮޑު ރަށުގައި އޭނާ މުޅީން އެކަނިވެފައިވާ ކަމުގެ ހިތި ހަގީގަތް ގަބޫލުކޮށްގެންނެވެ. އޭނާގެ ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން އޭނާ ވަރަށް ބޮޑަށް ބިރުގަތެވެ. އެހެންކަމުން، މާ ގިނައިން ވިސްނުން ހުއްޓާލަން ނިންމިއެވެ. އަދި އޭނާ ކައްކަން ހުރި ފުއްކަރޮ އެތި ކައްކައި ނުނިމޭކަން ހަނދާންވެގެން ހަރުކޮށް ހިނގަން ފެށިއެވެ. ކުޑަމިނުން، އޭނާގެ ފުއްކަރޮ އެތި ހަލާކުވިޔަ ނުދިނުމަށް ނިންމިއެވެ.
އައްޔަނި ދައިތަ އިންސިއަކު ނެތި ފަޅުވެފައިވާ ރަށުތެރޭގައި ހިނގަމުން ދިޔައިރު އިރުއޮއްސެމުން ދިޔައެވެ. ތަނަށް ވެރިވެފައިވާ ނާމާން ހިމޭންކަމުގެ ސަބަބުން ކުޑަ ނަމަވެސް އަޑެއް ލައްވާލަން އޭނާ ބިރުގަތެވެ. ކުދިންގެ ރުއިމުގެ އަޑެއްވެސް، އަވައްޓެރިންގެ ވާހަކަދެއްކުމުގެ އަޑެއްވެސް ނީވެއެވެ. އެންމެން ހިނގައްޖެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އައްޔަނި ދައިތަ އޭނާގެ ކުޑަކުޑަ ގޭގައި އެކަނި ދިރިއުޅެން އާދަވެފައި ވީނަމަވެސް، މިފަދަ އެކަނިވެރިކަމެއް އޭނާ ދުވަހަކުވެސް ތަޖުރިބާކޮށްފައެއް ނުވެއެވެ. އޭނާ ގެއަށް ދެވުމާއެކު ވަނީ ބަދިގެއަށެވެ. މުޅި ބަދިގެތެރެއަށް ވަނީ ފުއްކަރައިގެ މީރު ވަސް ފެތުރިފައެވެ. އަލިފާން ވަނީ ނިވިފައެވެ. ދައިތަ އަލުން އަލިފާން ރޯކުރިއެވެ. އޭނާ ތެލީގެ ކުރިމަތީގައި އުޑުފައިން އިށީނދެ އިނދެ، ދޭފަތުން ލަސްލަހުން ހަކުރުގަނޑު ހަލަމުން ގެންދިޔައެވެ. ހަކުރު ދިޔައީ އިތުރަށް އޮލަވެ ބޯވަމުންނެވެ. މި ލަސް ހަރަކާތާއި، ބަދިގޭގެ ހޫނުކަމާއި، އެތަނުގައި ފެތުރިފައިވާ މީރު ވަހުން އޭނާގެ ކަންބޮޑުވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މިހާރު އޭނާއަށް ސާފުކޮށް ވިސްނޭ ހިނދު، އޭނާގެ ހާލަތުގެ ނުކުޅެދުންތެރިކަމާމެދު ވިސްނާލިއެވެ. ނަމަވެސް އެކަން ބަދަލުކުރުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން އޭނާއަށް ވިސްނުނެވެ.
އެއީ ހަނދުނެތް އަނދިރި ރެއެކެވެ. އެ އަނދިރިކަމާއި ހަމަހިމޭންކަމުގެ ތެރެއިިން އޭނާއަށް އަޑުތަކެއް އިވުނެވެ. އެހިނދު ދައިތަގެ ހަށިގަނޑުގައި ހުރި އިސްތަށިތައް ކޮޅަށްޖެހި، މުޅި ހަށިގަނޑު ގަނޑުވިފަދަ އިހުސާސްކުރެވުނެވެ. އަދި އޭނާގެ ބަދިގޭ ދޮރުމަތީގައި، އޭނާގެ ފަހަތުގައި މީހަކު ނުވަތަ އެއްޗެއް ހުރިކަމުގެ އިހުސާސްކުރެވުނެވެ. އެއީ އެރަށުގެ ގިނަ ބަޔަކު މަރާލި ފުރޭތައެވެ. ބިރުން ގޮސް ތުރުތުރުނުލައި ވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. އޭނާ ވީހާވެސް ހަމަޖެހިގެން ހުރެ، މަޑުމަޑުން ފުއްކަރޮ އެތި ހަލުވަމުން ގެންދިޔައެވެ. ކުއްލިއަކަށް ފުރޭތަ އަހާލިއެވެ: ”ދައިތާ، ކަލޭ ތިޔަ ކުރަނީ ކޮންކަމެއް؟“
އެ ނިކަމެތި އަންހެނާ ބިރުގެންފައި ހުރުމުގެ ސަބަބުން ރަނގަޅަށް ވާހަކަ ނުދެއްކިގެން، އޭނާގެ އަނގައިން ނުކުތީ ހޮޅިބޮޅިއެވެ: ”ހަންޓަ މަންޓަނި!“ މި ބުނި އެއްޗަކުން ފުރޭތަ ވަރަށް ހައިރާންވިއެވެ. އަދި އިރުކޮޅެއް ވާންދެން ހަނުހުރެއްޖެއެވެ. އަދި ފުރޭތަ ހިތާހިތުން ބުންޏެވެ: ”ހަންޓަ މަންޓަނި! ދައިތަ އެބުނީ ކީކޭބާ؟“
މި ވަގުތު، އައްޔަނި ދައިތަގެ ހިތުގައި އެ ނުބައި ފުރޭތައާ މެދު ނަފުރަތްތެރިކަން އުތުރި އަރަމުން ދިޔައެވެ. އެ ފުރޭތަ ވަނީ އޭނާގެ ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި އަދި އެތައް ކުޑަކުދިންތަކެއްވެސް މަރާލާފައެވެ. ދިރިތިބި ރައްޔިތުން ރަށް ދޫކޮށް ފުރައިގެން ނުދިޔަނަމަ، އެ އެންމެން ވެސް މަރާލީސްކަން ކަށަވަރެވެ.
އެވަގުތު އޭނާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން ހަށިގަނޑު ތުރުތުރުއަޅަމުން، ދައިތަ ވާހަކަދެއްކިއެވެ. ”ކުޑަ ފުއްކަރޮކޮޅެއް ކާލަބަލަ!“ މިހެން ބުނިއިރު، އެ ބިރުވެރި ފުރޭތައާ ދިމާއަށް ސީދާ ބަލާކަށް އޭނާއަކަށް ނުކެރުނެވެ. ނަމަވެސް، އެ ބިރުވެރި ސޫފީގެ ތޫނު ދަތްތަކުން ފުރިފައިވާ ބިރުވެރި އަނގަ ފުޅާކޮށް ހުޅުވާލިތަން ލޮލުގެ ކަނުން އޭނާއަށް ފެނުނެވެ. ހަމައެވަގުތު، ދައިތަ އަވަސް އަވަހަށް ދަބު ފުރާ ކެކިކެކިހުރި ފުއްކަރޮ ނަގައި އެ ސޫފީގެ ކަރުބުޑަށް އަމާޒުކޮށް ޖެހިއެވެ. ކަރުބުޑަށް ޖެހުނު ހޫނު ފުއްކަރައިގެ ސަބަބުން ލިބުނު ވޭނާއި ތަދުގެ ސަބަބުން، އެ ފުރޭތަ ހަޅޭއްލަވަމުން ދުވެފައި ދިޔައެވެ. އޭތި ދުއްވައިގަތީ ނުހަނު ބާރު ދުވެއްޔެއްގައި އަނދިރިގަނޑުގެ ތެރެއިން ގޮނޑުދޮށާ ދިމާއަށެވެ. އަދި އޭގެ އަނގަ ފުޅާކޮށް ހުޅުވާލައިގެން ހުރެ މޫދަށް ފުންމައިލައި، ފެނުގެ އަޑިއަށް ގޮސް ގެއްލުނެވެ.
ދައިތަ އަދިވެސް އިނީ ތުރުތުރުއަޅައަޅައެވެ. އޭނާ އިންތަނުން ގުޑާލަންވެސް ވަގުތުކޮޅެއް ނެގިއެވެ. ތެދުވެ އުނދުނުގެ އަލިފާންގަނޑު ނިއްވާލުމަށްފަހު، ތަރިތަކުގެ އަލީގައި ބިރުގެންފައި ހުރި ހާލުވެސް އެ ފުރޭތައިގެ ފިޔަވަޅު ބަލަމުން ދިޔައެވެ. އެ ފިޔަވަޅުތައް ގޮސް ނިމުނީ ފުވައްމުލަކުގެ އުތުރު ފަރާތުގައި އައްޔަނި ގަލޭ ކިޔޭ ތަނާ ދިމާއިން ގޮނޑުދޮށަށެވެ. އޭނާ ކަނޑަށް ބަލައި ރާޅުނަގާ ދިމާއިން އެއްވެސް އެއްޗެއްގެ ހިލަމެއް ވޭތޯ ބެއްޔެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނުނެވެ.ދެން ފުރޭތަ ގެއްލިއްޖެކަން ޔަގީންވުމުން، ދައިތަ މަޑުމަޑުން ގެއަށް ހިނގައިގަތެވެ. އަނދިރިކަން ބޮޑު ނަމަވެސް، ރަށް މިހާރު އެހާ ބިރުވެރިއެއް ނޫނެވެ. އެހެންވެ އެރޭ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއެކު ދައިތައަށް ނިދާލެވުނެވެ. ޖެހިގެން އައި ދުވަސްތަކުގައި، އޭނާ އެ ތަނަށް ގޮސް ކަނޑުން އަރައިގެން އައި ފުރޭތައިގެ ފިޔަވަޅެއް ހުރިތޯ ބަލަމުން ދިޔައެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، ހުދު ދޮންވެލިގަނޑުން އިތުރު ނިޝާނެއް ނުފެނުމުން، އެ ފުރޭތަ ދެން ދުވަހަކުވެސް އެނބުރި ނާންނާނެކަން ދައިތައަށް ޔަގީންވިއެވެ.
ބަލިމަޑުކަމެއްގެ ސަބަބުން ފަޅުކޮށްލާ ރަށެއް އާބާދުކުރެވިދާނެތޯ ބެލުމަށް ފަންޑިތަވެރީން އެނބުރި އަންނާނީ ސާޅީސް ދުވަސް ތިން ގުނަވީމާ ކަން އައްޔަނި ދައިތަ ދަނެއެވެ. އެހެންކަމުން، ގިނަ ދުވަސްތަކެއް ވަންދެން ކާނާ ހޯދުމަށް އޭނާ ބަރޯސާވާންޖެހުނީ އަމިއްލަ ވިސްނުމާއި ބުއްދިއަށެވެ. ފުރަތަމަ ދުވަސްތަކުގައި ގޯތިތަކުގެތެރެއާއި ގޮނޑުދޮށުގައި މީހުން ދޫކޮށްފައި ދިޔަ އެކި ބާވަތުގެ ކާއެއްޗެއްސާއި ހިކިމަހާ އެއްޗެހިން އޭނާއަށް ގެނެވުނު ވަރަކަށް ގެއަށް ގެނައެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ކާނާތަކުގެ ބޮޑު ބައެއް ހަލާކުވެ ނުވަތަ ކަކުނިތަކާއި އެހެނިހެން ސޫފާސޫފީގެ ކާނާއަކަށްވެ ހުސްވެއްޖެއެވެ. ހޮވާނެ މީހަކު ނެތުމުން، ރުއްތަކުން ކާށިތައް ވެރިވެރި ހުއްޓެވެ. ލުނބޮޔާއި، ޖަންބާއި ފަތްކެޔޮ ފަދަ މޭވާ ވަރަށް ގިނައިން ހުއްޓެވެ. ދޫކޮށްލެވިފައިވާ އޮޅުތަކުގައި، ދައިތައަށް ހިތަކަށް ވާވަރަށް ކަޅޮއަލަ‘ ހުއްޓެވެ. އަދި އެހާ ގިނަ އަދަދެއްގެ އަލަ ކާނެ މީހަކު ނެތި ހަލާކުވެގެން ދާތަން ފެނުން އެކަމާ ދައިތަ ނުހަނު ދެރަވިއެވެ. ކަޅޮއަލައަކީ މިއީ އެ ދުވަސްވަރު ދެކުނުގެ މީހުން ކައިއުޅުނު އަލައިގެ ބާވަތެކެވެ. މިހާރު ގިނަ އަލަ ދަނޑުތަކުގައި ހައްދަނީ ’ވިލާތިއަލަ‘ އޭ ކިޔާ ބާވަތެކެވެ. މި ބާވަތުގެ އަލަ ދެކުނު އޭޝިއާއަށް ތަޢާރަފުކުރީ ޕޯޗުގީޒުންނެވެ.
މޭވާއާއި ފަލަމަޑީގެ ބާވަތްތައް ކާތާ މަހެއްހައި ދުވަސްވީ ފަހުން، ދައިތަ މަސް ކާ ހިތްވެއްޖެއެވެ. އޭނާ ފަރުމަތީގައި ދާއެޅުމަށް މަސައްކަތްކުރިއެވެ. އަދި އެތައް ފަހަރެއްގެ ނާކާމިޔާބީއަށްފަހު ކުރި މަސައްކަތުން އޭނާއަށް ރަނގަޅަށް ދާއަޅަން ދަސްވިއެވެ. އެއްދުވަހަކު، ހުޅަނގު މޫސުމުގެ ފަހުކޮޅު، އައްޔަނި ދައިތަ ހެނދުނު ގޮނޑުދޮށަށް ނުކުތްއިރު އޮތީ ’ހުޅަންމަހަ‘ (ފުޅަނގި) ގޮނޑުދޮށަށް ތިޔާގިވާ މޫސުން ލައިގެންފައެވެ. ހުޅަނގު މޫސުމުގެ ފަހުކޮޅުގެ އޮޔާއި ވައިގެ ސަބަބުން ކަންނެއްޔާއި ކަނޑުމަހުގެ ބާވަތްތައް ރަށާ ކައިރިއަށް އާދެއެވެ. އަދި ރަށްމަތީގައި ހޯރަތައް ވެސް ގިނަވެގެންދެއެވެ. އެހިނދު ކަނޑުމަހާއި ކަންނެއްޔަށް އަތުނުވާން ކަނޑުން މައްޗަށް އަރައި އުދުހޭ ފުޅަނގިތައް ހޯރަތަކުން ސަލާމަތްވާން ހަދައިގެން ގޮސް ޖެހެނީ ފުވައްމުލަކުގެ ގޮނޑުދޮށަށެވެ. މިއީ އަހަރަކު އެއް ފަހަރު ހިނގާ ކަމެކެވެ.
އައްޔަނި ދައިތަގެ ބިރު އެއްކޮށް ވަނީ މިހާރު ފިލާފައެވެ. އަދި އޭނާ މިހާރު ކަންބޮޑެއްވެސް ނުވެއެވެ. އޭނާއަށް ރަނގަޅަށް ކާންބޯން ލިބި، ކުރިއަށްވުރެ މާ ދުޅަހެވެވެ. މިހާރު ކުރިޔަށްވުރެ ޅަހެން ވެސް ހީވެއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަނީ ވަރަށް ލަހުންނެވެ. އެހާ ގިނަ ވަގުތު އެކަނަނިވެރިކަމުގައި ހޭދަކުރަން ޖެހުމުން އޭނާ ވަނީ ވަރުބަލިވެފައެވެ. އޭނާއަށް އެހެން މީހުން، ޚާއްޞަކޮށް ރަށުތެރޭގައި ކުޅެ، ހީނ ސަމާސާކޮށް، ލަވަކިޔަމުން އުޅޭ ކުޑަކުދީންތައް ފެންނަން ބޭނުންވެއެވެ. މިހާރު ތިން މަސް ފާއިތުވެ ގޮސްފައިވާއިރު، ދައިތަ ދިޔައީ ދުވަސް ގުނަމުންދެއެވެ. ކޮންމެ ދުވަހަކު ހެނދުނު އޭނާ ފުވައްމުލަކުގެ އެންމެ އުތުރުކޮޅުގައި ހުންނަ ޒަމާންވީ ބުދުދީނުގެ އުސްތުނބާއެއް ކަމަށްވާ ހަވިއްތައިގެ މައްޗަށް އަރައެވެ. އޭނާ އެތަނަށް އަރާއިރު އަބަދުވެސް އުއްމީދުކޮށްގެން ހުންނަނީ ވަގުތަށްވުރެ އަވަހަށް ބަޔަކު އައިސްދާނެކަމަށެވެ. ނަމަވެސް އެ އެކަހެރި، އޭނަ ނޫން މީހަކު ނެތް ރަށުގެ ވަށައިގެންވާ މާސިންގާ ކަނޑުން އެންމެ ރިޔަލެއް ވެސް ނުފެނެއެވެ. އައްޔަނި ދައިތަ ކޮންމެ ދުވަހަކުވެސް އެތަނާ އޭނާގެ ގެއާ ދެމެދުގައި އޮންނަ މަގު ކުނިކަހައި ސާފުކުރެއެވެ. ރަށުގެ ގިނަ މަގުތައް މިހާރު ވަނީ ގަސްގަހާގެހީގެ ސަބަބުން ބެދިފައެވެ. ގިނަ ގޭގެ މެދުގޯތިތަކުގައި ވަނީ އެކިބާވަތުގެ ވިނަޔާއި ގަސް ފަޅައި ވާވެފައެވެ. ދައިތަ އެ ހުރިހާ ތަނެއް ސާފުކުރާކަށް ނުވިސްނައެވެ. އެހެނަސް އެތަންތަން އޭނާއަށް ފެންނަނީ ބިރުވެރި ތަންތަނުގެ ގޮތުގައެވެ.
އެންމެ ފަހުން، ދައިތާ އެކަނި ދޫކޮށްލާފައި ދިޔަތާ ފަސް މަސް ފަހުން، އިރުއަރަމުން އައި ވަގުތު އުދަރެހުން ރިޔަލެއް ދައްކާލިއެވެ. އައްޔަނި ދައިތަ އުފަލުން ފޮޅުނެވެ. އަދި އޭނާ އަވަސްއަވަހަށް ގޮނޑުދޮށާ ދިމާއަށް ދުއްވައިގަތެވެ. ދޯނި ގާތްވަމުން އައިއިރު އޭގައި އަންހެންފިރިހެން ބާރަ މީހުން ތިބިތަން އޭނާއަށް ފެނުނެވެ. ދައިތަ ނުހަނު އުފާވެފައި، ގޮނޑުދޮށުގައި ހުރެ އެމީހުންނާ ދިމާއަށް އަތް ހޫރުވައި ހަނާއަޅަމުން ދިޔައެވެ. ދޯނި ރާޅުތައް ފަހަނައަޅައި ފަރުމަތީގެ ތިލަ ތަނަށް ވަދެގެން އައިއިރު، އޭގައި ތިބި މީހުންގެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމުގެ އަސަރު ފެނި ދައިތަ ހައިރާންވެ ސިހުނެވެ. އެމީހުން އޭނާއާ ދިމާއަށް އިޝާރާތްކޮށް ކަންބޮޑުވެފައިވާ ގޮތަކަށް އެކަކު އަނެކަކާ ވާހަކަދައްކަމުން ދިޔައެވެ. އޭނާ ކިހާ މޮޔައެއްހެއްޔެވެ! ލިބުނު އުފާވެރިކަމުގެ ސަބަބުން އޭނާ ހީކުރީ އެމީހުން ވެސް އެކަމާ އުފާވަނެކަމަށެވެ. ނަމަވެސް އެމީހުން އެތިބީ އޭނާ ފެނިފައި ބިރުގެންފައެވެ. އޭނާ އެމީހުންނާ ދިމާއަށް ގޮވާލިއެވެ: ”ކަލޭމެން ހީކުރަނީ މަށަކީ ފުރޭތައެއް ކަމަށްތަ؟ މިއީ އަހަރެންނޭ! އައްޔަނި ދައިތައޭ!“
ނަމަވެސް، އެކަމުން އެމީހުންގެ ބިރުވެރިކަން ފިލައެއް ނުދިޔައެވެ. އަދި ދޯނީގައި ތިބި މީހުން ދޯނިން ފައިބާކަށް ބޭނުމެއް ނުވިއެވެ. އެމީހުން އަނެއްކާވެސް ރަށުން ފިލުމަށްޓަކައި ދޯނި އަނބުރާލައި ކަނޑާވީ ފަރާތަށް ދުއްވަން ފެށިއެވެ. އެހިނދު އައްޔަނި ދައިތަ ހިތްފަޅައިގެން ގޮސް ބިރުވެރިކަމާއެކު ގޮވާލިއެވެ: ”ކަލޭމެން މިހާރުވެސް މިހުރިހާ މަސްދުވަހު އަހަރެން އެކަނި ދޫކޮށްފައި ގޮސް ތިތިބީ! އަނެއްކާވެސް އަހަރެން އެކަނި ދޫކޮށްލާފައި ދަނީތަ؟ އެހެންނަހަދާ! މަށަކަށް ދެނެއް އެކަންޏެއް ދިރިއެއް ނޫޅެވޭނެ!“ އުއްމީދު ކެނޑިފައިވާ ހާލު، ދައިތަ ވެލިގަނޑު މައްޗަށް ވެއްޓި ރޮމުން ދިޔައެވެ. އެހިނދު، ދޯނީގައި ތިބި މީހުންނަށް އޭނާއާމެދު ހަމްދަރުދީވެވުނެވެ. އެހެންނަމަވެސް އަދިއެއް އެމީހުންގެ ބިރު އެއްކޮށް ފިލައިނުދެއެވެ. ދޯނި ރައްކާތެރި ދުރުމިނެއްގައި ބާއްވާފައި ދެ ޚިޔާލެއްގައި ތިބެ އެތަނުން ދެ ފިރިހެނަކު މޫދަށް ފުންމާލައިގެން ގޮސް އެއްގަމަށް އެރިއެވެ. ވަރަށް ފަރުވާތެރިކަމާއެކު އެމީހުން އޭނާއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އައްޔަނި ދައިތަ ކަރުނަ އަޅައަޅާހުރެ އެމީހުންނާ ސުވާލުކުރިއެވެ: ”ކީއްވެގެންތަ ކަލޭމެން އަހަރެން ދޫކޮށް ދާން އުޅުނީ؟ ކީއްވެގެންތަ ކަލޭމެން އަނެއްކާވެސް އަހަރެން ދޫކޮށް ދާން ތިއުޅުނީ؟ އަހަރެންގެ ކުށަކީ ކޮބާ؟“
އެންމެ ފަހުން، އެ ދެމީހުންގެ ތެރެއިން މުސްކުޅި ފަނޑިތަވެރިޔާގެ ބިރު ފިލައި ގޮސް ދައިތައަށް ޖަވާބު ދިނެވެ: ”ކަނބުލޯ ނުރޮއި. އަހަރެމެން ހީކުރީ ކަނބުލޮ ތީ ހަންޑިއެއް ކަމަށް. ކުރިއަށްވުރެ މާ ޅަ އަދި ރީތިކޮށް ފެންނަނީ ވެސް. އެކަމާ އަހަރެމެން މި ބިރުގަތީ.“ ދެން އޭނާ ދޯނީގައި ތިބި މީހުންނަށް އިޝާރާތެއް ކުރިއެވެ. އަދި އެމީހުން ބާރަށް ފަލިޖަހާފައި އައިސް ދޯނި ދޮންވެލިގަނޑަށް ބީއްސާލިއެވެ. އެވަގުތު އައްޔަނި ދައިތަ ތެދުވިއެވެ. އަދި ދޯނީގައި ތިބި މީހުން ދޯނިން ފައިބައިގެން އެއްގަމަށް އެރިއެވެ. އަދި އޭގައި ތިބި، އަންހެންވެރިން އޭނަ ކައިރިއަށް އައެވެ. އެމީހުންގެ މޫނުމަތީގައި މިހާރު ވަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. އައްޔަނި ދައިތައަށް އުފަލުން ގޮސް ރޮވުނެވެ. ރަށަށް އަލުން ދިރުން އަންނާނެއެވެ! މިއަދަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.
ފުވައްމުލަކުގައި ވަރަށް އިހުޒަމާނުއްސުރެ ކިޔަމުން އަންނަ އައްޔަނި ދައިތަ ވާހަކަ މި ނޫން ގޮތްގޮތަށް ވެސް ކިޔައެވެ. މިގޮތުން އައްޔަނި ދައިތަ ގޮތަށް ހަމަ އެފަހަރު ރަށުގެ އިރުދެކުނު ކޮޅުގައި އެކަނި ދޫކޮށްފައި ދިޔަރެހިފާނޑި ބެއްޔާއެއްގެ ވާހަކަ ވެސް ބައެއް މީހުން ގެނެއެވެ. މި ބެއްޔާއާއި އައްޔަނި ދައިތައާ ބައްދަލުވި ދުވަހު ދެމީހުން ދެމީހުން އެއީ ފުރޭތައިން ކަމަށް ހީކުރެވުނު ކަމާއި ފަހުން އެއީ ފުރޭތައިން ނޫންކަން އެނގި އެ ބެއްޔާ އައިސް އައްޔަނި ދައިތައާއެކު އުޅެން ފެށި ވާހަކަ ވެސް ކިޔައެވެ. އަދި އައްޔަނި ދައިތަ ފުރޭތައަށް ފުއްކަރޮ ކާންދޭ ވާހަކަ އެނޫން ގޮތްގޮތަށް ވެސް ކިޔައިއުޅެއެވެ.


