މިއަހަރު ސިނަމާތަކުގައި އެޅުވި ދިވެހި ފިލްމުތަކަށް ބަލާއިރު މަޝްހޫރު ފިލްމު ޕްރޮޑަކްޝަނެއް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އުފެއްދި ”ބިބީ“ އަކީ އޭގެ ކާމިޔާބުކަން އަދިވެސް ދަމަހައްޓަމުންދާ ފިލްމެކެވެ.
މިފިލްމަކީ ރޭޑިއޯ ޝޯތަކުންނާއި ޓީވީ ޝޯތައް ހޯސްޓު ކުރުމުން ނަން ވިދާލި ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓު ކުރި ކޮމެޑީ ހޮރޯ އެކެވެ. ފިލްމުގެ ލީޑް ރޯލުން ފެންނަނީ އޭނާގެ ފިރިމީހާ ޝަރަފް ޢަބްދުﷲ އާއި މަޝްހޫރު ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ.
ލީޑް ކާސްޓުންގެ އިތުރުން ދިވެހި ސިނަމާގައި ނަން ވިދާލާފައިވާ ޝީލާ ނަޖީބު، އަހުމަދު ސައީދު، އައިމިނަތު ޝުހާ، ފުބޫ، ޝާއްކޮ، އަމަން، ރެކްސް، މަރިޔަމް ޚަލީލު، ރަޒާން، މަލީހާ (މަލް)، އާނަންދު، އަލީފު، ޔޫއްޓެ، ހާޒިފް އަދި ސާމީ ވެސް މި ފިލްމުން ފެނިގެން ދެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އޮލިމްޕަހު ސްކްރީނުގައި ޕްރިމިއަރ ކުރި މި ފިލްމަކީ އެންމެ ފަހު ޝޯއާ ހަމައަށް ވެސް އޭގެ ކާމިޔާބުކަން ހިފެހެއްޓި ފިލްމެކެވެ.
ނަމަވެސް އޮލިމްޕަހު ބޮޑު ސްކްރީނުން ނިކުތުމަށްފަހު ”ބިބީ“ ގެ ދަތުރު ނިމުނީކީ ނޫނެވެ. އޭގެ ފަހުން އަތޮޅުތެރޭގެ އެކި ރަށްތަކުގައި ވެސް ވަނީ މި ފިލްމު އަޅުވާފައެވެ. އެގޮތުން މިހާތަނަށް މި ފިލްމު އަތޮޅުތެރޭގައި އަޅުވާފައިވަނީ ފ. ނިލަންދޫ، ޅ. ނައިފަރު، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލ. ކުނަހަންދޫ، ލ. ހިތަދޫ، ލ. މާވަށް، ލ. ފޮނަދޫ، ލ. މާމެންދޫ، ރިޓްޒް ކާލްޓަން އެންޑް ޕެޓީނާ، ނ. މަނަދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ރ. މަޑުއްވަރީ، ރ. އުނގޫފާރު، ރ. އަލިފުށި، ރ. ދުވާފަރު އަދި ކ. ކާށިދު ގައެވެ.
އަތޮޅުތަކުގައި ”ބިބީ“ ގެ ޝޯތައް އެޅުވުމަށްފަހު، މި ފިލްމުގެ މިސްރާބު ދެން އަމާޒުވީ ރާއްޖެއިން ބޭރަށެވެ. އެގޮތުން ސްޕެއިން ގައި މިހާރު ވެސް މި ފިލްމު ދައްކައިލުމަށްފަހު ދެން އެންމެ އަވަހަށް ”ބިބީ“ އެޅުވުމަށް ހަމަޖެހިފައިވަނީ އިޓަލީގައެވެ. މިއީ އިތަލީގައި އަޅުވާ ފުރަތަމަ ދިވެހި ފިލްމަށްވާއިރު، މި ފިލްމު އެތަނުގައި އެޅުވުމުގައި ޑާކްރެއިންގެ ފިލްމުތަކުން އާންމުކޮށް ފެންނަ އަދި އިޓަލީގެ ރައްޔިތެއް ކަމަށްވާ ކަމަށްވާ މާރިއާ ތެރެސާގެ ހިއްސާ ވަރަށް ބޮޑެވެ.
”ބިބީ“ އިޓަލީގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހުގައެވެ.




