ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު 76 ވަނަ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި ތުހުމަތާ ގުޅިގެން ޝާހިދު ހައްޔަރުކުރީ، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ރޭގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ އިސް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ޝާހިދު ހައްޔަރު ކުރުމާ ގުޅިގެން ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނީ، އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކަތަކެއް ނުދައްކައި ރޭ ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ.



