ފަތުރުވެރިކަމަކީ ވަރަށް ނާޒުކު އެއްޗެއް ކަމަށާއި އެއީ ”ބިކުރެއް“ ކަހަލަ އެއްޗެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ސިފަކުރައްވައިފިއެވެ.
ރާއްޖެޓީވީން ގެނެސްދޭ ”ފަށާއިރު“ ޕްރޮގްރާމުގެ މިއަދުގެ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ސިޔާމް ވިދާޅުވީ އިޤްތިޞާދަކީ އަދި ފަތުރުވެރިކަމަކީ ވަރަށް ނާޒުކު އެއްޗެއް ކަމަށާއި އެއީ ”ބިކުރެއް“ ކަހަލަ އެއްޗެއް ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމަކީ ”އެއާ ކުޅެން ބަލާއިރު“ ވަރަށް ވިސްނަން ޖެހޭ އެއްޗެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
”ޓޫރިޒަމްގެ ސިނާއަތުގެ ތެރެއަށް އަތް ބާނައި، އޭގެ ތެރެއަށް ގޯނާކޮށް އެއަށް ގޯސްހަދާކަމަށްވަންޏާ މި ކުޅެވެނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މޭގަނޑާ. ރާއްޖެއަކަށް ނެތް ފައިސާ ލިބޭ އިތުރު އެއްވެސް ކަމެއް ފަތުރުވެރިކަން ފިޔަވާ. މަސްވެރިކަމުން ލިބޭ އެއްވެސް އެއްޗެއް ނެތް. މަސްވެރިން މަސްވެރިކަމަށް ފޮނުވަނީ ޓޫރިސްޓު ރިސޯޓުތައް ހިންގައިގެން ލިބޭ އެއްޗަކުން ދައްކާ ޓެކްސްތަކުން ސަބްސިޑީ ދައްކައިގެން، ސަރުކާރުން މަސްވެރިން މަހަށް ފޮނުވަނީ“ ސަން ސިޔާމް ރިސޯޓްސް ވެސް ހިންގަވާ ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމް ވިދާޅުވީ ދަނޑުވެރިކަމަކީ ވެސް ރާއްޖޭގައި ކުރެވޭ ކަމެއް ނޫން ކަމަށާއި ފާމިންގްގެ މަސައްކަތް ވެސް ނުކުރެވޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ފައިސާ ލިބޭ ކަމަކަށް މިވަގުތު އޮތީ ހަމައެކަނި ފަތުރުވެރިކަން ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާ ”ކުޅޭ ގޮތަކުން“ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ނިކަމެތިވެ ހަލާކުވެގެން ގޮސްދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވެފައިވެއެވެ.
ސިޔާމްގެ ވާހަކަފުޅުގައި ވަނީ ސީއެންއެން އިން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ މިހާރު ދުނިޔޭގައި އޮތް އެންމެ އަގުބޮޑު ޑެސްޓިނޭޝަން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން ވެސް ސިޔާމް ފާހަގަ ކުރައްވާފައިވެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިކަމެތިކަމެއް އައިސްފާނެ ކަމެއް ކަމުގައި ވެސް ސިޔާމް ވިދާޅުވެފައިވެއެވެ.



