ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ހެޑް އޮފީސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ބޭންކުން އިއުލާންކޮށްފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުގެ އާ ހެޑް އޮފީސް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ.
އެގޮތުން 2,648.40 އަކަ މީޓަރުގެ ބިމެއްގައި އަޅާ މި އިމާރާތަކީ ޖުމްލަ 14 ބުރީގެ އިމާރާތެކެވެ. މީގެ އިތުރުން އިމާރާތުގެ ބޭސްމަންޓުގައި 2 ބުރި ހިމެނޭނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ. މި އިމާރާތުގައި ތަނަވަސް ޕާކިން އޭރިއާއެއް ހިމެނޭ ގޮތަށް ޑިޒައިންކޮށްފައިވާއިރު، ސައިކަލް ޕާކުކުރުމަށް މަދުވެގެން 400 ޖާގަ އަދި ކާރު ޕާކުކުރުމަށް މަދުވެގެން 60 ޖާގަ ހާއްސަކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އިމާރާތުގެ އެންމެ ތިރީ ބުރި ހާއްސަކޮށްފައިވަނީ ބޭންކުގެ މުވައްޒަފުންނާއި ހިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށެވެ. އަދި އިމާރާތުގެ އެންމެ މަތީ ދެ ބުރި ކަމަށްވާ 13 ވަނަ ބުރި އަދި 14 ވަނަ ބުރި ހާއްސަކޮށްފައިވަނީ އެގްޒެކެޓިވް ފްލޯތަކުގެ ގޮތުގަ އެވެ. ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ ގޮތުން އިމާރާތުގެ އެންމެ މަތީގައި ސޯލާ ފާމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި މަޝްރޫއު ކުރިއަށްގެންދާ ފަރާތަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ. އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ.



