ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ބޭއްވުނު ޖަލްސާގައި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ކުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކުރެވުނީ މަޖިލީހުގެ 57 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ. އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްކުރެވުނެވެ.
މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ކޮޕީރައިޓުގެ ހިމާޔަތްލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ ޙައްގުތަކާއި ކަންކަން އިތުރަށް ތަފްޞީލުކޮށް، ކޮޕީރައިޓަޑް އުފެއްދުންތައް ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ބަޔާންކުރުމެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނީ އުފެއްދުންތަކާއި ޕަފޯމަންސްތަކާއި އަޑުގެ ރެކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމަޔާތްކުރެވިގެންދާނެއެވެ. އަދި ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަނެތި އެ މީހެއްގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އުފެއްދުމާއި ފޯރުކޮށްދިނުން މަނާވާނެއެވެ. ނަމަވެސް އުނގަންނައިދިނުމުގެ ބޭނުމުގައި އެފަދަ އުފެއްދުމެއް ހުއްދައާނުލައި ބޭނުންކުރެވިދާނެއެވެ.
މި އިސްލާހުގެ ދަށުން ޙިމާޔަތްކޮށްފައިވާ ޙައްޤަކަށް އަރައިގަތުމުން ނުވަތަ އަރައިގަންނަން އުޅޭކަމަށް ޤަބޫލުކުރެވޭނަމަ، ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރުމުގެ ޙައްޤު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދެއެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ޤާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އެޅުމަށް އެދުމުގެ ޙައްޤުވެސް އެފަރާތަށް ލިބިގެންދާނެއެވެ.
މި އިސްލާހުގެ ދަށުން ކޮޕީރައިޓަޑް އުފެއްދުންތަކަށް ހިމާޔަތް ލިބޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކޮށްފައިވެއެވެ.
ކޮޕީރައިޓުގެ ޙައްޤަށް އަރައިގަތުމުން 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވޭނެއެވެ. އަދި ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފިނަމަ 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.



