ހުރަވީ ދުވަހަކީ ދިވެހިރާއްޖޭގެ ޙަޤީޤީ މިނިވަންކަމުގެ ދުވަހެވެ. މި މުހިންމު ދުވަހުގެ ތާރީޚީ އަހައްމިއްޔަތުކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ ދިވެހިރާއްޖެ ބޭރުގެ ބާރެއްގެ އަޅުވެތިކަމުން މިނިވަންވި ދުވަހެވެ. އޭރު ދިވެހިރާއްޖޭގައި ބޭރު ޤައުމެއްގެ ރަސްކަލެއްގެ ނަމުގައި ވެރިކަން ހިންގަމުން ދިޔައެވެ.
މުލީގޭ ދޮންހަސަން މަނިކާއި ހިތްވަރުގަދަ މަދު ބަޠަލުންތަކެއްގެ ޤައުމީ ވަންތަކަމާއި ހިތްވަރުގަދަކަމުގެ ސަބަބުން، މަލަބާރު ސަރަޙައްދުގެ ކަންނަންނޫރުގެ އަލީރާޖާގެ ހޮޅި ސިފައިންނާ ހަނގުރާމަކޮށް، އެމީހުން ބަލިކޮށް، ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދިނެވެ. ހުރަވީ ދުވަހަކީ މި މަތިވެރި ޤައުމީ ނަޞްރުގެ ޒިކުރާ އާކުރާ ދުވަހެވެ.
ހުރަވީ ދުވަހުގެ ޤައުމީ ބަޠަލު، މުލީގޭ ދޮން ޙަސަން މަނިކު، ފަހުން އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނުގެ ގޮތުގައި މަޝްހޫރުވިއެވެ. ދިވެހިރާއްޖޭގެ ސިންގާސަނާގައި އިށީނދެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ރަސްމީ ނަންފުޅަކީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީނެވެ. ރަސްކަމުގެ ދައުރުގައި އާންމުކޮށް މަޝްހޫރުވެފައިވަނީ ދޮންބަންޑާރައިންގެ ނަންފުޅުންނެވެ.
އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީނަކީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނާއި މުލީ ކަތީބު މުޙައްމަދުގެ އާމިނާފާނުގެ ދަރިކަލުންނެވެ. އެމަނިކުފާނުގެ ޢާއިލީ ތާރީޚު ދިވެހިރާއްޖޭގެ ރަސްކަމުގެ ކުރީގެ ދަރިކޮޅެއް ކަމުގައިވާ ހިލާލީ ދަރިކޮޅާ ގުޅިފައިވެއެވެ. އެމަނިކުފާނުގެ ބައްޕައަކީ އިންޑިޔާގެ ކޮއްޗޭއަށް ވަޑައިގެން ކްރިސްޓިއަން ދީނަށް ވަދެވަޑައިގެންނެވި، ނުވަވަނަ ޙަސަން ރަސްގެފާނުގެ ދަރިކޮޅުގެ ބޭކަލެކެވެ. އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި ދިވެހިރާއްޖެއަށް ހަމަލަދޭން އައި ޕޯޗުގީޒުންގެ ނަވަކުން އައި، ޙަސަން ރަސްގެފާނުގެ ދޮން ލަވީޒޭ ކިޔުނު މުނިކާފަދަރިކަލުން އެފަހަރު ހައްޔަރުވެ މާލެއަތޮޅު ހުރަޔަށް އަރުވާލާފައި ހުއްޓާ އެރަށުން އޭނާ ކުރެއްވި ކައިވެނިން ލިބުނު ދޮންމަރުދުރު ފަޑިއަތް ކަލޭގެފާނަކީ ދޮންބަންޑާރައިންގެ މުނިކާފައެވެ. ދޮންބަންޑާރައިންނަކީ ހުރާ ދޮންމަރުދުރު ފަޑިއަތް ކަލޭގެފާނުގެ އަލްވަޒީރު ޙުސައިން ދަހަރަދަ ތަކުރުފާނުގެ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނުގެ ދޮންޙަސަން މަނިކެވެ.
ދިވެހިރާއްޖެއަށް ހޮޅީންގެ މީހުން އަރައި ދިވެހިރާއްޖެ ހިފީ ދިޔަމިގިލީ ދަރިކޮޅުގެ ތިންވަނަ ރަސްގެފާނު އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ކޮރުބަންޑާރައިން) ގެ ރަސްކަމުގެ ދެވަނަ އަހަރު، މީލާދީން 1752 ވަނަ އަހަރުއެވެ. އެ ދުވަސްވަރު މުލީގޭ ދޮންޙަސަން މަނިކުގެ ބައްޕަ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނަކީ ކޮރުބަންޑާރައިންގެ ވަޒީރު ބޭކަލެކެވެ. އަލީރާޖާގެ ހޮޅި ސިފައިން އޮޑިފަހަރުގައި އައިސް މާލެއަށް ހަމަލާދީ މާލެ ހިފި ހާދިސާ ހިނގި ގޮތާއި، ހިނގަން މެދުވެރިވީ ސަބަބަކަށް ދިވެހި ތާރީޚުގައި ލިޔެފައި އޮތީ މިފަދައިންނެވެ.
”…ދެން މި ރަބީޢުލްއައްވަލު މަހު އޮނަވިހި ވީ ބުރާސްފަތި ދުވަހު މި ރަސްގެފާނުންގެ ކޮއްކޯ ޢަލީ ފާށަނާ ކިލަގެފާނުން ރަސްކަމަށް އިސްވެވަޑައިގެންނެވިޔޭ. މި މަނިކުފާނަށް އައްސުލްޠާން އަލްމުކައްރަމް މުޙައްމަދު ޢިމާދުއްދީން ކިޔައި ނަންދެއްވެވިއެވެ… އެހިދު ފަނޑިޔާރު ކަމުގައި ހުންނެވީ ޙަސަން ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނުންގެ ފުތް މުޙައްމަދު ޝަމްސުއްދީން ފަޑިޔާރު ކަލޭގެފާނެވެ. މި ފަޑިޔާރު ކަލޭގެފާނާއި އެއްބަނޑުއެއްބަފާ ޚަޠީބު އަޙްމަދު މުޙްޔިއްދީން މި ކަތީބު މަނިކުފާނު ހުންނެވީ އިބްރާހީމް ރަސްގެފާނުންގެ ދި ފާޠިމާ ރަނިކިލަގެފާނާއި ކައިވަނި ބައްލަވައިގެނެގެންނެވެ. ދެން މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވުމަށް ފަހު މި ނަންގަނެވި ދިޔަ ފަނޑިޔާރު ކަލޭގެފާނާއި މި ކަތީބު މަނިކުފާނާއި ދެބެއިން ރަސްކަން އަތުލާން އެދި ރަސްގެފާނަށް ނުނިޔަތް ލައިގެން ބޭރުން ބަޔަކާއި އެކުލަވައިގެން ރަސްކަން މިލްކު ކޮށްފާނަމެވެ ހިތައި ތިމަން މީހުންގެ ރާއްޖޭގެ ރަސްގެފާނު ނަހީކުރެއްވިހާ ކަންތަކަށް ޢަމަލުކުރައްވައި ރާއްޖެ އިސްލާމްދީނަށް އޮންނާކަށް ނެތެވެ. މިފަދަ ބަސްތައް ލިޔެ ކަންނަންނޫރު ޢަލީރާޖަޔަށް ފަތެއް ފޮނުވައިފިޔޭ. މިފަތް ފޮނުވީމާ އެފަތަކަށް އެމީހުން ޟަމާނެއް ނުވެ ތިބެއްޖައޫއެވެ. ދެން އަނެއްކާ މިފަނޑިޔާރު ކަލޭގެފާނު ފަތެއް ލިއުނޭ މިހާރު ރަށުގެ މީހުން ފިތުނަވެރިވެ ރޭގަނޑުގައި ރަށް ބަލަހައްޓާ ހޭލާ ދަމަށް ތިބުމެއް ނެތި ޣާފިލްވެއްޖައޫއެވެ. ތިޔަބައިމީހުން މިހާރު އަތުވެއްޖެނަމަ ރާއްޖެ އަތުލައި މިލްކުކޮށްދިނުން ތިމަންކަލޭގެފާނު މައްޗެވެ. ރޭގަނޑުގައި ރަށުގެ މީހުން ނިދާފައި ތިއްބައި ތިޔަބައިމީހުން އައިސް ރަށަށް އަރަހަރޭ.
ދެން މިފަތް ލިޔެ ފޮނުވީމާއި އެޔަށްފަހު ކަންނަންނޫރު ޢަލީރާޖާ ނަވަކާއި ދެ ފުރައްދެ އޮޑިޔާއި މި ތިން ގަނޑެއްޗަށް ހަގުރާމައިގެ ތަކެއްޗާއި މަލާބާރީގެ މީހުނާއި ލައި ފޮނުވީމާއި އެމީހުން އައިސް ފާދިއްފޮޅު ވަދެ އަލިގަލު ކައިރީގައި ބާއްވައިފިޔެވެ. 1166 މިވަނަ އަހަރު ދެން އެތާގައި ނައު ބާއްވައިފައި ދެ ފުރައްދެ އޮޑިޔާއިގެން އައިސް ޞަފަރުމަހު ބުދަ ތޭރަ ފޮއިވިލޭރެއި ނުވަފުޅީ ވަޤުތުގައި މާލޭ ކަޑިންމަ ތަޅުނުލައި ހުއްޓައި ކަޑިންމައިން ވަދެއްޖައޫއެވެ. އެހިނދު މާލޭގެ އެންމެން ނިދާފައި ތިބޫއޭ. ދެން މި މަލާބާރީންގެ މީހުން ދިގުދޯނި ދޯންޏަށް އަރައިގެން ރަށަށް ފައިބައިގެން އައިސް އެތެރެކޯލަށް ވަދެއްޖައޫއެވެ.“
އާދެ، ކަންނަންނޫރު އަލީރާޖާ ކުންހި އަމްސާ (2) ގެ ހޮޅީންގެ ލަޝްކަރުގެ މިހަމަލާގައި މާލެއިން އެތައް ބަޔަކު މަރައި ނާބަތުޚާނުގައި ހުޅުޖެހުމުގެ ސަބަބުން އެތެރެކޯލާއި މާލޭގެ ދެބައިކުޅަ އެއްބައިގެ އެއްކޮށް އެނދިއެވެ. އެއަށްފަހު ރަދުންނާއި ރަދުންގެ ވަލީއަހުދުގެ ގޮތުގައި ހުންނެވި ރަދުންގެ ބޭބޭފުޅު އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މަނިކުފާނާއި މުލީގޭ ދޮންޙަސަން މަނިކުގެ ބައްޕަ، ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނާއި އޭނާގެ ދަރި އަދި ދޮންޙަސަން މަނިކުގެ އަޚު ޙުސައިން މަނިކާއި އަލްވަޒީރު މުހައްމަދު ވެލާނާ ތަކުރުފާނާއި މުރުއްބާ މުހައްމަދު ކަލޭގެފާނު އޮޑިޔަކަށް ލައިގެން މަލާބާރަށް ގެންދިޔައެވެ.
އޭގެފަހުން ހަސަން ތާޖުއްދީނުގެ ދަރި މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ކަލޭގެފާނު ހޮޅީންގެ ވެރިޔަކަށް ލައިގެން ދުވަސްކޮޅަކު ތިއްބެވެ. ދެން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚު ކަތީބު މަނިކުފާނަށް ވަރަށް އަނިޔާކޮށްފައި އެދެބޭކަލުންނަށް ފަހުން ހެދިނެހެދިއެއް ވެސް ނޭނގެއެވެ. އޭގެ ފަހުގައި ކަނައްކަފޫޅަކަށް ގެނައި މަލިކު މުޙައްމަދު ބަންޑޯރު މަނިކު އެބައިމީހުންގެ ވެރިޔަކަށް އިސްކޮށް އަލީރާޖާގެ ނަމުގައި ތާނިޔާ ކިޔައި އޭނާގެ ސިއްކަ ދިވެހިރާއްޖޭގައި ހިންގަންފެށިއެވެ.
ހޮޅީންގެ މީހުން ކަންނަންނޫރު އަލީރާޖާގެ ނަމުގައި ދިވެހިރާއްޖޭގައި ރަސްކަންކުރާތާ 3 މަހާއި ދުވަސްކޮޅެއް ވީފަހުން މުލީގޭ ދޮންޙަސަން މަނިކާއި އޭނާއަށް ވާގިދިން ފަހުލަވާނުންތަކެއް ނިކުމެ ހޮޅީންނާ ހަނގުރާމަކުރައްވައި، އަލީރާޖާގެ ކިބައިން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1753 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ. ދިވެހިރާއްޖެ މިނިވަން ކޮށްދެއްވުމަށްފަހު ދިޔަމިގިލީ ރަސްދަރިކޮޅުގެ ދެ ރަނިކަނބަލުން، އެއް ރަނިކަނބަލަކަށް ފަހު އަނެއް ރަނިކަނބަލެއް، ހޮޅީން ގެންގޮސް ހައްޔަރުކޮށްފައި ހުރި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ޤާއިމްމަޤާމެއްގެ ގޮތުގައި އިސްކުރައްވައިގެން އެކަނބަލުންނަށް ވެރިކަން ހިންގަވައިދެއްވަން ދޮންޙަސަން މަނިކު ސަރުދާރުވެ ހުންނެވިއެވެ.
އެދުވަސްވަރު ހޮޅީންނާ ކުރެވުނު ހަނގުރާމަތަކުން ދޮންޙަސަން މަނިކުގެ ޤިޔާދަތުގެ ދަށުން ލިބުނު ކާމިޔާބީގެ ސަބަބުން އެމަނިކަށް ޣާޒީގެ ލަޤަބާއެކު ރަންނަބަނޑޭރިކަން ލިބިލެއްވިއެވެ. އެއަށް ފަހު ކިޔުނީ އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނެވެ. އޭގެފަހުން ހޮޅީން ގެންގޮސް މަލިކުގައި ހައްޔަރުކޮށްފައި ހުރި ދިވެހިރާއްޖޭގެ ރަސްގެފާނު، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން އަވަހާރަވީ ޚަބަރު ލިބުމުން، ރައްޔިތުންގެ އެދުމުގެ މަތިން، ހިޖުރައިން 15 ރަބީޢުލްއާޚިރު 1173 (މީލާދީން 6 ޑިސެންބަރު 1759) ގައި އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނު، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީންގެ ނަންފުޅުގައި ރަސްކަމަށް އިސްވެވަޑައިގެންނެވިއެވެ. ރަސްކަލަކަށް ވެވަޑައިގެންނުވުމުން ދޮންޙަސަން މަނިކުފާނު (ކުރިން ދޮންޙަސަން މަނިކު) އަށް ދޮންބަންޑާރައިންނޭ ކިޔަންފެށިއެވެ.
1752 ގައި ހޮޅީން ދިވެހިރާއްޖެ ހިފިއިރު ރަަސްގެފާނާއެކު ހައްޔަރުކޮށްގެން ގެންދިޔަ އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު، އެބައިމީހުންގެ ކިބައިން ސަލާމަތްވެވަޑައިގެން ގަންޖާމުގައި ހުންނަވާފައި ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުން ރަސްކަލެއްގެ ޢިއްޒަތުގައި މާލެ ބާލުއްވައި ބޮޑުގަނޑުވަރުގައި ބެހެއްޓެވިއެވެ. އެއީ ދޮންބަންޑާރައިންގެ ރަސްކަމުން ތިންވަނަ އަހަރުތެރޭގައެވެ.
ދޮންބަންޑާރައިން އަވަހާރަވީ ހިޖުރައިން 1180 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ. ރަސްކަންކުރެއްވީ ހަތް އަހަރާއި ހަތަރު މަހާއި 16 ދުވަހުއެވެ. އަވަހާރަވީ، އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނާ ރަސްކަން ޙަވާލުކުރައްވަން ވަސިއްޔަތް ކުރައްވާފައެވެ. އެރަދުންގެ ފަހު ބަސްފުޅު ކަމަށް އޮންނަނީ ”މުޙައްމަދު މަނިކުފާނާ ދިވެހި ރަސްކަމާ ޙަވާލު. އަޅުގަނޑުގެ ކުދީންނާ މާތްރަސްކަލާނގެއާ ވަކީލު“ މިހެންނެވެ. އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނަކީ ދޮންބަންޑާރައިން އަވަހާރަވީމާ ރަސްކަމަށް ވަޑައިގެންނެވި އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން (ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިން) އެވެ.
ދޮންބަންޑާރައިން އަވަހާރަވީއިރު ދުނިޔޭގެ 3 ފިރިހެން ބޭފުޅުން ތިއްބެވިއެވެ. ޙާޖީ ބަންޑާރައިން ޙައްޖަށް ވަޑައިގެން އުޅުއްވަނިކޮށް ރަސްކަން ބަދަލުކޮށް ރަސްކަމަށް ފުރަތަމަ އެރުއްވީ ދޮންބަންޑާރައިންގެ އަޚް ޙުސައިން ދޮށިމޭނާ ކިލަގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނެވެ. އާދެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ނަންފުޅުގައެވެ. ދުވަސްކޮޅަކު ރަސްކަން ކުރައްވާފައި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުންނަށް ރަސްކަންދެއްވާފައި، މުޙައްމަދު ފާށަނާ ކިލަގެފާނުގެ ލަޤަބް ލިބިވަޑައިގެން ހުންނެވިއެވެ. އަދި މި ދުވަސްވަރު ކުރީގެ ރަދުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޙައްޖުން ވަޑައިގެންނެވީމާ ކަނޑުފައްތައި އަވަހާރަކޮށްލީއެވެ. ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުންނަކީ އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން (ކަޅުބަންޑާރައިން) އެވެ. އޭގެ ފަހުން ރަސްކަމަށް ވަޑައިގަތީ ދޮންބަންޑާރައިންގެ ހަގު ދަރިކަލުންނެވެ. އެއީ އައްސުލްޠާން ޙަސަން ނޫރައްދީނެވެ. އެއަށްފަހު 1968 ގައި ދިވެހިރާއްޖޭގެ ރަސްކަން އުވި ޖުމްހޫރިއްޔަތަކަށް ވުމާ ހަމައަށް ރަސްކަންކުރެއްވީ މުޅިންވެސް ދޮންބަންޑާރައިންގެ ދަރިކަލުން އައްސުލްޠާން ޙަސަން ނޫރައްދީންގެ ދަރިކޮޅުގެ ބޭބޭފުޅުންނެވެ.

ދޮންބަންޑާރައިން ފަސްދާނުލީ މާލޭ ހުކުރު މިސްކިތުގައި، އެރަދުންގެ ވަސިއްޔަތާ އެއްގޮތަށް ރަސްކަމަށް ވަޑައިގެންނެވި އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ. މި ޒިޔާރަތް ހުންނަނީ އިބްރާހީމް ރަސްގެފާނުގެ ބައްޕާފުޅު އަދި ދިޔަމިގިލީ ދަރިކޮޅުގެ ބާނީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ޒިޔާރަތާ އެއްއިންވެގެންނެވެ. މާތް ރަސްކަލާނގެ ހުރަވީ ދުވަހުގެ ބަޠަލު އަދި ދިވެހިރާއްޖޭގެ ހަގީގީ މިނިވަން ދުވަހުގެ ބާނީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީނުގެ ފާފަތައް ފުއްސަވައި އެރަދުންނަށް ހެޔޮރަހުމަތްލައްވާށިއެވެ! އާމީން.



