ދުންފަތުގެ އިސްތިއުމާލުކުރުމަށް އާދަވެފައިވާ މީހުން އެކަމާ ދުރުވުމަށް ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމް އާއި އެހެނިހެން ފަރުވާތައްވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ސެޒޭޝަންގެ ޚިދުމަތަކީ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހު ވަނީ ނިންމަވާފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް މިހާރު ގާއިމުކޮށްފައިވެއެވެ.
މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުއިކް ލައިންގެ ޚިދުމަތް ލިބެން ފަށާނެ ކަމަށާއި، ކުއިކް ލައިންގެ ނަންބަރަކީ 1676 ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނަންބަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި، ސެޒޭޝަންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުންވެސް މިހާރު ތަމްރީން ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ސެޒޭޝަންގެ ޚިދުމަތް މުޅި ރާއްޖޭގައި ފެތުރުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، މި ފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނެސް ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.



