އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ސޯޝަލް މީޑިއާގައި ގޮވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ކުއްޅަވައްގެ / އަލީ ޖުމާން (25އ.) އިތުރު 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
”ޑެތު“ ގެ ނަމުގައި ޖުމާން ސޯޝަލް މީޑިއާގައި ހިންގާ ”އެކްސް“ އެކައުންޓަކުން ކުރި ޕޯސްޓެއްގައި، ދައުލަތުގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލައި ”ރެޑްވޭވް“ ފިހާރަ ލޫޓުވުމަށް ވެސް ވަނީ ގޮވާލާފައެވެ.
އެ ޕޯސްޓާ ގުޅިގެން ޖުމާން ހައްޔަރުކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުވަނީ ކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު ފުރަތަމަ ބަންދަށް ޖެހީ 12 ދުވަހެވެ. އެ މުއްދަތު ހަމަވެގެން، ބަންދު މުރާޖައާކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޖުމާންގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އެކަަށީގެންވާ ހެކި ހުށަހަޅާފައިވެއެވެ. އަދި އޭނާގެ އެކައުންޓެއް ކަމަށް ބެލެވޭ ’ޑެތު‘ ނަމުގައި އެކްސްގައި ބޭނުންކުރާ އެކައުންޓާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ވެސް ފުލުހުން ހުށަހަޅާފައިވެއެވެ.
އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހުށަހަޅާފައިވަނީ މަސްލަހަތު ހިމެނޭ ފަރާތަކުންނެވެ. އެކަމަށް އެދި ސިޓީއަކާއި ޑޮކިއުމެންޓެއް ވެސް ކޯޓަށް ހުށަހަޅާފައިވެއެވެ.



