އާސަންދައިން ކަވަރުކުރާ ބޭހަކަށް އެއްވެސް ފާމަސީއަކުން އަގު ނަގާ ނަމަ އެކަން ރިޕޯޓްކުރުމަށް އާސަންދަ ކުންފުނިން އާންމުންނަށް ގޮވާލައިފިއެވެ.
އާސަންދައިން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓްތަކެއްގައި ބުނެފައިވަނީ، އާސަންދައިން ކަވަރުކުރާ ބޭހަކަށް އަގު ނަގާނަމަ އެކަން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް 7951400 ނަންބަރަށް އަންގައި ދިނުމަށެވެ.
އާސަންދަ ކުންފުނިން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އާސަންދައިން ނުލިބޭ ބޭހެއް ނަމަ އެކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށާއި ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އާސަންދަ ކަވަރޭޖު ދޭ ބޭސް ފިހާރަތަކުން ފޯރުކޮށް ދޭނީ ހިލޭ ކަމަށެވެ.
މިއީ އާސަންދަ ނިޒާމަށް މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މީގެ ކުރިން އާސަންދައިން ދޫކުރާ ބޭހުގެ ތެރެއިން އެންމެ ގިނައިން އާންމުން ބޭނުންވާ 250 ބޭހުގެ އަގު ވެސް ކޮންޓްރޯލްކޮށްފައިވެއެވެ.
މި ފިޔަވަޅުތަކުގެ މަޤްޞަދަކީ އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ފަސޭހައިން އަދި ހިލޭ ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އާސަންދައިން މި ގޮވާލުމާއެކު، އާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.




