މާލެ އަތޮޅު ދިއްފުށީގައި ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ދިއްފުށީގައި ޤާއިމްކުރެވުނު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ.
މިއަދު ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓުގެ ޤައުމީ ދިދަ ނެންގެވީ ދިއްފުށީ ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. އަދި ފުލުހުންގެ ދިދަ ނެންގެވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުން ބައިވެރިވިއެވެ.
ދިއްފުށީގައި ފުލުހުންގެ ޚިދުމަތް ފެށުމާއެކު، މިހާރު މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެމުން ގެންދެއެވެ. މިއީ ސަރުކާރުގެ އަމާޒު ކަމުގައިވާ 2026 ވަނަ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 24 ރަށެއްގައި އަލަށް ފުލުހުންގެ ޚިދުމަތް ފަށާފައިވެއެވެ. މިހާރު ރާއްޖޭގެ ޖުމްލަ 148 ރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް އިތުރު 39 ރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރަން ޖެހެއެވެ.



