މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ”ސައިބަރ އެކްސްޕޯ 2024“ އިންތިޒާމު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަސް ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)، މޯލްޑިވްސް އިސްލާމިކް ބެންކު، ޕަބްލިކް ސާވިސް މީޑިއާ، ދިރާގު އަދި ޕާކްސައިޑެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ސޮއިކުރެއްވިއެވެ. އެހެނިހެން ފަރާތްތަކުގެ ތެރޭގައި އެމްޓީސީސީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލް، މޯލްޑިވްސް އިސްލާމިކް ބެންކުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާ، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު، ދިަޢީދު، ދިރާގުގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދު އަދި ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤު ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި އަހަރުގެ ޑިސެމްބަރު މަހުގެ 11 އިން 13 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ފަންނީ ބޭފުޅުންނަށް ހުޅުވާލެވިގެން ބޭއްވޭ އެކްސްޕޯއެކެވެ.
މީގެ މައިގަނޑު މަޤްޞަދަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ޤާއިމުކުރުމާއި، އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.



