އިޒްރޭލުގެ ރައްޔިތުން ޒަރޫރީ ސަބަބެއް އޮވެގެން ނޫނީ ރާއްޖެއަށް ދަތުރުނުކުރުމަށް އަންގައި، އިޒްރޭލުގެ ގައުމީ ސަލާމަތީ ބެހޭ މަޖިލީހުން މިއަދު އެލާޓެއް ނެރެފިއެވެ.
މި އެލާޓްގައި ރާއްޖެއަށް ދަތުރުކުރުމުގެ އެލާޓް ލެވެލް ވަނީ ދެވަނަ ލެވެލްއިން ތިންވަނަ ލެވެލްއަށް މަތިކޮށްފައެވެ.
އިޒްރޭލުގެ ގައުމީ ސަލާމަތީ ބެހޭ މަޖިލީހުން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެލާޓް ލެވެލް މަތިކުރަން ޖެހުނީ ”ޓެރަރިސްޓުންނަށް“ ތާއީދުކުރާ ފަރާތްތައް ރާއްޖޭގައި ތިބުމުންނާއި އިޒްރޭލުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެކޮޅު ފިކުރު އިތުރުވަމުން އަންނާތީއެވެ.
ތިންވަނަ ލެވެލްގެ އެލާޓެއްގައި އަންގަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ އެ ސަރަހައްދަކަށް ދަތުރު ނުކުރުމަށެވެ. މީގެ ކުރިން ރާއްޖެއަށް ދަތުރުކުރުމުގެ އެލާޓް އޮތީ ދެވަނަ ލެވެލްގައެވެ. އެ ލެވެލްގައި ބުނަނީ ދަތުރުކުރުމުގައި ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށެވެ.
މީގެއިތުރުން، ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އަންނަ އަދަދު މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 517 ފަތުރުވެރިން އައިސްފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 62 އަށް ވެއްޓިފައެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖޭގައި އެއްވުންތައް ބާއްވައި، ނުރުހުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.




