ކ. ގާފަރުގައި އާންމުންނަށް އުނދަގޫވާގޮތަށް ހަޓް ހަދައިގެން މަސްކައްކާ މައްސަލަ ބޮޑުވެ، އެކަމަށް ފިޔަވަޅު އަޅަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
މިކަން އަންގައިދީ ގާފަރު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހަޓް ހަދައިގެން މަސްކެއްކުމުގެ މަސައްކަތް ކުރުމުގެ ސަބަބުން އަރާދުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޚީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް އުނދަގޫވާ ކަމަށެވެ.
އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަމަށާއި، މިއީ އެކި ފަހަރުމަތިން މަނާކޮށްފައިވާ ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި ހަޓް ހެދުމާ ގުޅޭ ގަވާއިދުގެ ނުވަވަނަ ނަންބަރުގެ ދަށުން އެއްވެސް ފަރާތަކުން ހަޓް ހަދަންވާނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފައިވާކަން ވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
އާންމު އުނދަގުލާބެހޭ ގަވާއިދުގެ 11ވަނަ ނަންބަރުގައި އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކޮށް އެއަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫ ވާނަމަ އެފަދަ ކަމެއް ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލުން ވަނީ، އެއްވެސް ފަރާތަކުން ހަޓް ހަދައިގެންނާއި އެހެނިހެން ގޮތްގޮތުން އާންމުންނަށް އުނދަގޫވާގޮތަށް މަސްކެއްކުމުގެ މަސައްކަތް ކުރުމުގެ ސަބަބުން ކައުންސިލަށް ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެމައްސަލައެއް ބަލައި ހަމަޖެހިފައިވާ އުސޫލުގެމަތިން ފިޔަވަޅު އެޅޭނެކަމަށް އިންޒާރުދީފައެވެ. މިގޮތުން، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި މައްސަލައަށް ޙައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.



