މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ ”އޮޅު ހިޔާ“ ސަރުކާރާ ހަވާލުކުރަން މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ’އޮޅު ހިޔާ‘ ހަވާލުކުރުމަށް ނިންމާފައި ވަނީ އެފެސިލިޓީއަށް ހިނގި ހަރަދު ހޯދައި އެތަން ހިންގުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައިފައިވަނިކޮށެވެ.
މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ’އޮޅު ހިޔާ‘ ގެ މަސައްކަތް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް ކުރިއަށް ނުގެންދާކަމަށް ބުނެ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ ސިޓީއެއް ފޮނުވާފައެވެ.
މިފަދައިން އަންގާފައިވަނިކޮށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 174 ވަނަ އާންމު ޖަލްސާގައި ’އޮޅު ހިޔާ‘ ސަރުކާރާއި ހަވާލުކުރަން ނިންމާފައި ވަނީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
”އޮޅު ހިޔާ“ އަކީ މިހާރުގެ ސަރުކާރުގެ ”ހަފްތާ 14“ ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. މި ފެސިލިޓީ ހުޅުވާފައިވަނީ ހުޅުމާލޭގެ ފޭސް-2 ގައެވެ. މި ތަން ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫޢެއް ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެ މަޝްރޫޢު ކުރިއަށް ނުގެންދެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



