އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންޖެހޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި މަސައްކަތާ ހަވާލުވާ ފަރާތުން ކުރަންޖެހޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މިހާރު ހުރި ސްޓޭޖު ތަޅާލައި ކުނިތައް އުކާލުމާއި، އާ ސްޓޭޖުގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، އިންޖިނިއަރިންގ އަދި ކުރެހުންތައް ތައްޔާރުކޮށް ހުއްދަތައް ހޯދުން ހިމެނެއެވެ. މީގެ އިތުރުން އާ ސްޓޭޖުގެ ސްޓްރަކްޗަރ ހަދައި ފިނިޝިންގ މަސައްކަތްތަކާއި، އިލެކްޓްރިކް އަދި ޕްލަމްބިންގގެ ހުރިހާ މަސައްކަތެއް ކުރަންޖެހޭނެއެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައި މަހުއެވެ. މޭޔަރު އާދަމް އާޒިމް އޭރު ވަނީ ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ބާވެ، އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. މިހާރު އެ ކާނިވަލުގައި ހުންނަ ސްޓޭޖު ބޭނުންކުރަމުން އަންނަނީ ސިޔާސީ ހަރަކާތްތަކަށާއި މިއުޒިކް ޝޯތަކަށެވެ.



