ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެމެރިކަން އެކްސްޕްރެސް (އެމެކްސް)އާއެކު ދިވެހިރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމެކްސްއާއި ބީއެމްއެލްގެ އެކްސްކުލޫސިވް ޕާޓްނާޝިޕަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން އެމެކްސްއާއި ބީއެމްއެލްއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ކާޑު ޕާޓްނަރެއްގެ ގުޅުމެއް ނޫން ކަމަށެވެ. އެ ގުޅުމަކީ ބޭންކެއްގެ ގޮތުގައި ލިބުނު ކުރިއެރުމާއި ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ގުޅުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
”އެމެކްސް އަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރަމުންދާ އެތައް ބައެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ފަރާތެއް. އަދި އެމެކްސް އާއެކު ގާއިމުކުރެވުނީ މުޅި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ގާއިމްކުރުމުގެ ބިންގަލެއްވެސްމެ،“ ޝަރީފް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފުކުރި ދުވަހުގެ ހަނދާންއާކޮށް ޝަރީފް ވިދާޅުވީ އެ ދުވަސްވަރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށެވެ. އެއީ އޭރު ރާއްޖެއަށް މުޅިން އައު ޚިދުމަތަކަށްވުމާއެކު އެކަމާ ގުޅޭ މައުލޫމާތާއި ތަޖުރިބާ މަދުވުން ކަމަށެވެ. ނަމަވެސް، ބޭންކުގެ މައިގަނޑު އަމާޒަކަށްވީ އެއްވެސް ލަސްކަމެއް ނުގެނެސް، ހުއްޓުމެއް ނެތި ކަސްޓަމަރުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމެކްސްއާއެކު، ބީއެމްއެލްއަށް ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދެވުނު ކަމަށާއި، އެމެކްސްގެ ޚިދުމަތް ބަލައިގަތުން ރާއްޖެއަށް ތަޢާރަފުކޮށް އަވަސް ސްޕީޑެއްގައި ފުޅާކުރެވުނު ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ”އެކްސްޕީރިއަންސް މޯލްޑިވްސް“ ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފެށުމާއި، މިއަހަރު ކުރީ ކޮޅު ރާއްޖޭގެ ފުރަތަމަ ޝަރީއާ ހުއްދަކުރާ ކްރެޑިޓް ކާޑު ތައާރަފުކުރެވުނުކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ފައިސާ ދެއްކުމާއި ބޭންކިންގެ ދުނިޔެ ބަދަލުވަމުންދާއިރު އެމެކްސްއާއެކު، ބޭންކުން ވަނީ އައު އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމްކަނޑައަޅާފައި ކަމަށެވެ.



