އދ. ކުނބުރުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ނިންމާލައިފި އެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 45.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި މަޝްރޫއެކެވެ.
އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ކުނބުރުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައި، ގޭބިސީތަކަށް ފެނުގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަނީ އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވަނީ މި މަޝްރޫއު ނިންމާލެވިފައިވަނީ ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށެވެ.
”މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުންނާ އެކި ހައިސިއްޔަތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރާ ހިނދު ކުނބުރުދޫގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން،“ އަބްދުލް މަތީން ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ކުނބުރުދޫގައި 2.75 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާފައިވެ އެވެ. މީގެ އިތުރުން، އާރުއޯ ފެސިލިޓީ ބިލްޑިންގ އެއް އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓާފައިވެ އެވެ. އަދި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގީ ވެސް ބަހައްޓާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއްވާފައިވެ އެވެ.
މަޝްރޫއުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި، ގޭބިސީތަކަށް ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅާފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ.


