ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު އާއިލީ ހަވީރެއް ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރުގައެވެ. އަދި މިރޭ 8:00 އިން 9:30 އަށް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަރަކާތަކީ އެ ކުންފުނީގެ މުވައްޒަފުން ވޭތުވެދިޔަ ހަ މަސް ދުވަހު ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޚުލާގު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް މި ހަވީރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ތަރައްގީކޮށްފައިވާ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވުމަށް ތައްޔާރުވެފައިވެއެވެ. އަދި މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ހުނަރުތައް ފެނިގެންދިޔަ މަސައްކަތެއް ކަމަށާއި، އެ އިމާރާތް ހެދުމުގައި މުވައްޒަފުންގެ އެއްބާރުލުމުގެ ސަބަބުން ކުންފުންޏަށް މާލީގޮތުން ފައިދާވިކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މި އާއިލީ ހަވީރަކީ ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއެކު، އެ މުވައްޒަފުންގެ އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭއްވުނު ހަރަކާތެއްކަން ފާހަގަކުރެވެއެވެ.




