މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 200 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފިއެވެ.
އެ ކުންފުނިން 200 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލީ ސްޓޮކް އެކްސްޗޭންޖުގައި 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމުމަށްފަހުގައެވެ.
އެމްޑަބްލިޔުއެސްސީން މޯލްޑިވްސް ސްޓޮކް އެސްކްޖޭންޗުގައި އެމްޑަބްލިއުއެސްސީއިން ބޮންޑެއް އިޝޫކޮށްފައިމިވަނީ ތަރައްޤީގެ މަސައްކަތްތަކަށާއި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްކަމަށް ހާމަކޮށްފައިވެއެވެ.
އެގޮތުން އެ ކުންފުނިން ބޮންޑު ވިއްކަން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެކުންފުނީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް، އިންވެސްޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ 200 މިލިޔަން ރުފިޔާގެ ބޮންޑަކަށެވެ. މި ބޮންޑު ބާޒާރުން ހޯދުމަށް އެކުންފުނިން ނިންމާފައިވަނީ 7.5 އިންސައްތައިގެ އިންޓަރެސްޓު ރޭޓަކާއެކު ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެމްޑަބްލިޔުއެސްސީން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ލިބޭ އާމްދަނީ ޙިއްސާކުރަނީ، ފެނުގެ ޚިދުމަތްތަކުގެ އަގުން 55 އިންސައްތަ އަދި ކުންފުނިން ހިންގާ މަޝްރޫޢުތައް ހިމެނޭ ގޮތަށް ނޮން ޔުޓިލިޓީ އާމްދަނީގެ ގޮތުގައި 45 އިންސައްތައެވެ. ނަމަވެސް އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި، ހިންގާ މަޝްރޫޢުތައް އިތުރުކޮށްގެން ނޮން ޔުޓިލިޓީ އާމްދަނީ، ޖުމްލަ އާމްދަނީގެ 60 އިންސައްތަ އާ ހަމައަށް އިތުރުކުރުމެވެ.



