ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ ”ފިޔަވަތި ފަން ޑޭ“ މިއަދު ބާއްވައިފިއެވެ.
”ފިޔަވަތި ފަން ޑޭ“ އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކުއެވެ.
އެގޮތުން ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ފިޔަވަތި ފަންޑޭ މިއަދު ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ.
މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ. އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަރޓެއިންމަންޓާއި ޕޫލް ޕާޓީއެއް ވަނީ ބާއްވާފައެވެ. އެއަށްފަހު ހަވީރުގެ ސަޔާއެކު ”ފަން ޑޭ“ ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ޕާޓީގައި، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ އެމްޑީ، ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެން، ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވައި އެކުދިންގެ ހާލު ބައްލަވާފައެވެ. އަދި މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެލައްވާފައެވެ.


