ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި އުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް ކުރަން ފަށައިފިއެވެ.
މި މަޝްވަރާތައް ފެށިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ޤައުމީ ޚިދުމަތެއް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމްގެ ދަށުން 16 އަހަރުވެފައިވާ، ކިޔަވާ ނިމިގެން ނުވަތަ ގްރޭޑް 7 އާ ހަމައަށް ކިޔެވުމަށްފަހު ކިޔެވުމުގެ އިތުރު މަރުޙަލާއަކަށް ނުގޮސް، ކިޔެވުމުގެ އިތުރު ފުރުސަތެއް ނުލިބި އަދި ވަޒީފާއެއް އަދާނުކުރާ ޒުވާނުން، ޤައުމީ ދިފާޢީ ބާރުގެ ރެކްރޫޓްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރުވާގޮތަށް ޤާނޫނެއް އެކުލަވާލެވޭނެއެވެ. މި ޕްރޮގްރާމް 2025 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރުމަށް ވަނީ ރޭވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ނަމުގައި ސިފައިންގެއާއި ފުލުހުންގެ ޚިދުމަތަށް ވަންނަ ޒުވާނުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ޢިއުލާންކުރައްވާފައެވެ. މި ޕްރޮގްރާމްގެ ދަށުން ސިފައިންގެއަށް 4000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1000 މީހުން އަލަށް ގުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންގެ މެދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.



