މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ސީސީޓީވީ ކެމެރާތައް ބެލޭގޮތަށް ފުލުހުންގެ ދެކުނުގެ ކޮމިއުނިކޭޝަން އެންޑް ކޯޑިނޭޝަން ސެންޓަރުގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ސެންޓަރު ހުޅުވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
ދެކުނުގެ ސަރަހައްދުގެ ކޮމިއުނިކޭޝަން އެންޑް ކޯޑިނޭޝަން ސެންޓަރަކީ ފުލުހުންގެ ސައުތު ރީޖަން ކޮމާންޑުގައި ހިމެނޭ ގއ. ގދ އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ފުލުހުންގެ ޚިދުމަތަށް ޚާއްސަ ކޮށްގެން ޤާއިމް ކުރެވިފައިވާ ސެންޓަރެކެވެ.
މި ސެންޓަރު ޤާއިމްވެގެން ދިއުމާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ހޯދުމަށާއި، މައުލޫމާތު ސާފުކޮށް ފުލުހުންނަށް ދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަ ވެގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ހުރިހާ ރަށެއްގެ ފުލުހުންގެ ޚިދުމަތް ގުޅުވާލުމުގެ އިތުރުން، މި ސެންޓަރުން އައްޑޫ ސިޓީގައި މިހާރު ގާއިމްކޮށްފައިވާ ސީސީޓީ ކެމެރާތައް މޮނިޓަރ ކުރެވޭނެއެވެ.
އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ވަކިން އޮންނަ ހުޅުދޫ އާއި މީދޫގައި ގާއިމް ކޮށްފައިވާ ކެމެރާތައް މިސެންޓަރު މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.



