މިއަހަރު އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މިންވަރު 2023 ވަނަ އަހަރާ އަޅާބަލާއިރު 6 ގުނަ އިތުރުވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ފާހަގަކުރެއްވީ އއ. ރަސްދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރައެވެ. އަދި 2023 ވަނަ އަހަރު 113 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މިއަހަރުގެ ތެރޭގައި 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި 153 ބިދޭސީން މަސްތުވާތަކެއްޗާއެކު އަތުލައިގަނެ ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި 13,435 ތަނެއް ބަލައި މީހުން ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ 2023 ވަނަ އަހަރު ބަލާފައިވާ 8,581 ތަނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިހާރު ފުލުހުންގެ އިދާރާގެ ތެރެއިން މިކަމުގައި ކޮމްޕްރަމައިޒްވެފައި ތިބި ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހަގީގީ މާނައިގައި ހައްލުކުރުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ބިލެއް ހުށަހަޅާފައިވާ ކަމަށާއި، އެ ބިލް ފާސްވުމުން މި މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމު ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތާއެކު މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށެވެ.



