ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް އެ މިނިސްޓްރީގެ ނައިބު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އާ ހަވާލުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައެވެ.
މިނިސްޓްރީން މި މަހުގެ 5 ވަނަ ދުވަހު ހުރިހާ މުވައްޒަފުންނަށް ފޮނުވި އިންޓަރނަލް މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެކަޑެމީގެ މަސައްކަތްތައް ހިންގައި ބަލަހައްޓާނީ ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން އޮގަރު ވަހީދެވެ.
މެމޯގައި ވާގޮތުން، ”ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 26 ނޮވެމްބަރުން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވަނީ މި ވުޒާރާގެ މިނިސްޓާ އޮގް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ނައިބް އަލްފާޟިލް އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން“ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބަދަލު ގެނެސްފައިވަނީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމުގައި ޑރ. އަޝްރަފު އަބްދުއްރަހީމް ހުންނެވިއިރުއެވެ.
އެހެންނަމަވެސް، އަޝްރަފްގެ މަތިން މި ޒިންމާތައް އޮގަރު ވަހީދާ ހަވާލުކުރި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މި ބަދަލާއެކު، ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތަކަށް އައު ބާރެއް ލިބި، އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުއްމީދު ކުރެވެއެވެ. އެހެންނަމަވެސް، މި ބަދަލުގެ ސަބަބުން އެކަޑެމީގެ މަސައްކަތްތަކަށް ކޮން ބަދަލުތަކެއް އަންނާނެކަން އަދި ސާފެއް ނޫނެވެ.



