ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިންގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ހޯދުމަށް ގުޅަންޖެހޭނީ 1676 ނަންބަރަށެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެކްސްގައި ހާމަކުރި ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި މި ހޮޓްލައިން މެދުވެރިކޮށް ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ކޮންމެ ވަގުތެއްގައިވެސް ލިބޭނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން މުޅި ރާއްޖޭގައި ލިބޭނެހެން ސިޒޭޝަންގެ ޚިދުމަތް ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް މިދިޔަ ހަފުތާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރަން ރާއްޖޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފަސް އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާއެކު މިހާރު ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މަހުގެ 15 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވެއެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ވޭޕް ބޭނުންކުރުން މަނާވާނެއެވެ. މީގެ އިތުރުން، ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލާފައިވެއެވެ.
ދުންފަތާ ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމަށް 1676 ނަންބަރަށް ގުޅުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް ގޮވާލާފައެވެ.



