އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކޮމިޓީތައް އުވާލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި އެ ކޮމިޓީތައް ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އއ. ތޮއްޑޫގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވަނީ ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަންހެނުންގެ ކޮމިޓީތަކުގެ ހުށަހެޅުންތައް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. މިކަން ކުރެވެން އޮތީ ކަމާ ބެހޭ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށް ވާތީ އެކަން ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”މިއީ ރާއްޖޭގެ ހުރިހާ ޑަބްލިއުޑީސީގެ މެމްބަރުންނަށް ދޭ މެސެޖެއް. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ވީ ވައުދު. ޑަބްލިއުޑީސީގެ ރިކުއެސްޓަކަށް ވީ މުސާރައެއްގެ ގޮތުގައި، ލިބޭ އެލަވަންސްގެ ސްޓޭޓަސް ބަދަލުކޮށްދިނުން، އެއާއެކު ރޯދަ މަހުގެ އެލަވަންސާއި ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނާއި އެމްޕްލޯއިމަންޓް ގާނޫނު ފަދަ ގާނޫނުތައް އިސްލާހުކޮށްގެން އިރާދަކުރެއްވިއްޔާ ވެފައިވާ ވ ވެފައިވާ ވައުދު ފުއްދައިދެއްވާނެ ކަމަށެވެ. އަދި އޭރުން އަންހެނުންގެ ކޮމިޓީތަކުން އެދިލައްވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.



