އއ. މަތިވެރީގައި އަންނަ އަހަރު އެއާޕޯޓެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިކަން ރައީސް ހާމަކުރެއްވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށަށާއި އިޤްތިޞާދީ ގޮތުން ވެސް ދެކޮޅުޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މަތިވެރި ކައިރީގައި ރިސޯޓުތައް ހުރުމާއެކު ލޯކަލް ޓޫރިޒަމްވެސް ފުޅާކޮށް އެ ރަށުގައި އެއާޕޯޓެއް އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
”އެހެންވީމާ މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓުތަކުގެ ތެރޭގައި މި ރަށުގެ އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެކަން ޔަގީންކަމާއެކު ތިޔަބޭފުޅުންނަށް ދަންނަވަން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތައް ގުޅުވައިދިނުމަށް ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން ވެސް މަތިވެރީގައި އެއާޕޯޓެއް އަޅަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށް ކަމަށެވެ. އެއީ 1.5 ބިލިއަން ރުފިޔާއެވެ. އަދި އެއަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



