ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އިން ދާދިފަހުން އާންމުންގެ ހިޔާލަށް ހުޅުވާލި ބޭރު ފައިސާއިން މުއާމަލާތް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ފޮރެކްސް ބިލް، ކުދިކުދި އިސްލާހުތަކާ އެކު ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލިހަށް ހުށަހަޅައިދެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އަދި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެމްއެމްއޭ އިން އެކުލަވާލި މި ގަވާއިދުގައި ވަނީ ޓޫރިޒަމް ވިޔަފާރިތައް ނޫނަސް ވަކި އަދަދަކަށް ވުރެ މަތިން އަހަރެއްގެ ތެރޭ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވެސް ޑޮލަރު މާރުކުރުން މަޖުބުރުވާ ގޮތަށެވެ.
އެގޮތުން އާންމުންގެ ހިޔާލަށް ހުށަހަޅާލާފައިވާ މި ބިލުގައި އޮތީ އަހަރަކު އާމްދަނީއަށް 20 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް މިއަދު މަޖިލީހަށް ހުށަހެޅި ބިލްގައި އެ އަދަދު ވަނީ 15 މިލިއަން ޑޮލަރަށް ދަށްކޮށްފައިވެއެވެ.
އެމްއެމްއޭ އިން އާންމުކޮށް އަމަލުކުރާ ފޮރެކްސް ގަވައިދުގައި ހަމައެކަނި އޮތީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރުމާއި އެ މީހުންނަށް ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފަ އެވެ.




