އޮޑިވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާއެއް މިއަދު ޖަމާކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ޔަގީންކަން ދެއްވަމުން ބުނީ އޮޑިވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާއެއް މިއަދު ޖަމާކުރާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން މަސްވެރިންނަށް 38 މިލިއަން ރުފިޔާ މިއަދު ޖަމާވާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯ ހިންގުމާ މިސަރުކާރުން ހަވާލުވީއިރު އެ ކުންފުނި އޮތީ ކުރީ ސަރުކާރުގެ ސަބަބުން ވަރަށް ބޮޑު ދަރަންޏެއްގައިކަން ”ސައުވީސް“ އަށް ވަނީ އެނގިފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން އެޗްޑީއެފްސީން ވަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ނަމުގައި 570 މިލިއަން ރުފިޔާގެ ލޯނެއް ބޮޑު އިންޓަރެސްޓް ރޭޓުގައި ނަގާފައެވެ. އެ ލޯނުގެ ސަބަބުން ކޮންމެ ފަހަރަކު އިންޓަރެސްޓްގެ ގޮތުގައި 41 މިލިއަން ރުފިޔާ މިފްކޯއިން ދައްކަންޖެހެއެވެ. މިފްކޯގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެކުންފުންޏަށް ކުރިއެރުމުގެ އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ މިމައްސަލައެވެ. ކުރީ ސަރުކާރުން ނަގާފައިވާ މިބޮޑު ލޯނުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެލެއްވިއިރު އެ ކުންފުނީގެ ބޮޑު ބެކްލޮގެއް އޮތެވެ. ނަމަވެސް މިފަދަ ދަތިހާލަތާއެކު ވެސް އެކުންފުނިން ބަލަނީ ވީއެންމެ އަވަހަކަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށް ދެއްކުމަށްކަން އެކުންފުނިން ބުނެފައިވެއެވެ.
މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ މިއަދު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށް ކ. ގާފަރުގެ ރައްޔިތުންނާ މިވަގުތު ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
”އެއީ ބީއެމްއެލްގައި އެކައުންޓު ހުރި 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އަދި އެމްްއައިބީގައި އެކައުންޓު ހުރި 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ. އެހެންކަމުން 38 މިލިއަން ރުފިޔާ އެއީ މިހާތަނަށް މިދިޔަ ދެ ހަފްތާ ތެރޭގައި ދޭން ހުރި ފައިސާ. އެހެންވީމަ ބެކްލޮގް ނިމުނީ. އިރާދަކުރެއްވިއްޔާ ދެނެއް ބެކްލޮގެއް ނާންނާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.




