މާދަމާއިން ފެށިގެން ރާއްޖޭގެ ހަތަރު ރަށެއްގައި ގާއިމު ކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ސައިޓްތަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫއިރއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އއ. އަތޮޅަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކ. ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯ ރޭޓުން ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމަކީ ރައީސް މުޢިއްޒުގެ އެއް ވައުދުފުޅެވެ. އަދި އެ ވައުދުފުޅު ފުއްދެވުމަށް މިދިޔަ ނޮވެމްބަރު މަހު އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމުގެ މަޝްރޫޢު އެއްވެސް އިފްތިތާހު ކޮށްދެއްވާފައެވެ..
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ މާދަމާއިން ފެށިގެން ހިންމަފުށި، ކޫއްޑު، ފެލިވަރު އަދި ހުޅުމީދޫގެ އެފްއެސްއެމް ސައިޓްތަކުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ފަށާނެކަމަށެވެ.
”މާދަމާއިން ފެށިގެން އެސްޓީއޯގެ ނުވަތަ އެފްއެސްއެމްގެ މިދަންނަވާ ހަތަރު ސައިޓުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ. ހިންމަފުށި، ކޫއްޑު، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫ ސައިޓުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ކޫއްޑޫއާއި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލް ތަކުންވެސް އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
މީގެއިތުރުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލެއްވުމަކީ ވެސް އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެފަދަ ދަފްތަރެއް އެކުލަވާލާފައި ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެހެން ވަޒީފާތައް އަދާ ކުރާ މީހުންނަށް ލިބިދޭ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ދަފްތަރުގެ ގަވާއިދު ގެޒެޓް ކުރައްވާނެ ކަމަށެވެ.



