ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އެގޮތުން ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓް އެކުލަވާލުމުގެ މަސައްކަތްތައްކަމަށް ޙަލީމް ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ އެތަނުގައި އެތަނުގައި ދިރިއުޅޭ 15،000 އެއްހާ މީހުންގެ އާބާދީއަށް ހިދުމަތް ރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައި ނެތް ހޮސްޕިޓަލެއްކަން އެތަނުގެ ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ.
އެގޮތުން ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ބޭނުން ކުރަނީ ތިން ކޮޓަރިއެވެ. އަދި އެމަޖެންސީ ރޫމްގައި ހުރީ ޖުމްލަ ފަސް އެނދެއެވެ.
ނަތީޖާއެއްގެ ގޮތުން އެންމެ ޢާއްމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތައަށް ދާންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން މިހާރުވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓާވާފައެވެ.
ސަރުކާރުން ތަރައްޤީކުރާ މި ހޮސްޕިޓަލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ މަޝްރޫޢުގެ ކޮންޓްރެކްޓް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހު، މިނިޓްސް އޮފް ދަ މީޓިންގްސްގައި ސޮއިކުރެވި މިހާރު ކުރަމުންދަނީ ކޮންޓްރެކްޓް އެކުލަވާލުމުގެ މަސައްކަތްތައްކަމަށް ޙަލީމް ވިދާޅުވިއެވެ.




