މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ބަހުސް ނިންމާލުމަށްފަހު، ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުން ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
މި އިސްލާހުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި:
– އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން
– މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން
– މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުން
– ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ފަރުވާގެ ޕްރޮގްރާމްތައް މުރާޖައާކުރުން
– ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން
– ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން ހިމެނެއެވެ.
މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިފައެވެ.




