މަސްވެރިންގެ ގައުމީ ދަފްތަރާގުޅޭ ގަވާއިދު މި ހަފްތާގައި ގެޒެޓް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އޮންނަ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭ ކަމުގެ ޝަކުވާ އެބައޮތްކަމަށެވެ. އަދި މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ނުބަލާތީ ބޭންކުތައް މެދުވެރިކޮށް އެ މީހުންނަށް ލޯނު ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ލިބޭކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި އެމީހުންނަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގަވާއިދެއް ވެސް މިހާރު ހަދާފައިވާ ކަމަށާއި، އެ ގަވައިދު އަންނަ ބުރާސްފަތި ދުވަހު ގެޒެޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިހާރު ގަވާއިދު ވެސް ހަދައި ނިމި މި ހަފްތާ ނިމުމުގެ ކުރިން، ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރުގެ ގަވާއިދު ގެޒެޓްކުރެވޭނެ. މިހާރު ދަފްތަރު ރެކޮގްނައިޒްކުރުމުގެ މަސައްކަތް މިނިސްޓްރީން ބޭންކްތަކާ ގުޅިގެން ކުރިއަށް އެބަދޭ،“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޤަވާއިދު އާންމު ކުރެވި އެ ޤަވައިދަށް އަމަލުކުރަން ފެށުމުން ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކްގެ ފެސިލިޓީތަކުން ވެސް ފުރުސަތު ލިބޭނެ ކަމަށާއި މަސްވެރިންނަށް އެސްޓީއޯގެ ސްކީމުތަކުން ވެސް ފުރުސަތު ފަހިވެގެން ދާނެކަމަށެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލައިފައިވަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ. މި ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.



