ދިވެހިރާއްޖޭން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މަގާމަށް ފުވާދު ތައުފީގު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ނަން ހުށަހެޅުއްވީ ފުވާދުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް ފުވާދު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.
ފުވާދު ތައުފީޤުގެ ކެރިއަރަށް ބަލާއިރު، އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ. 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރެވުނު ފުވާދު، 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް އެ މަޤާމުގައި ހުންނެވިއެވެ. އޭގެފަހުން 2019 ވަނަ އަހަރު ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގަތެވެ.
ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ފުވާދު ތައުފީޤުގެ ނަން މަޖިލީހުން ފާސްވުމާއެކު، ދެން އޮތީ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމެވެ




