ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުޙައްމަދު އަމީންއަށް ހެދިހެން ހަދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބުނެފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓެއް ދެއްކި ވާހަކަ ދިފާއުކޮށް ފައްޔާޒު ބުނީ ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ ހަމަ މުޙައްމަދު އަމީންއަށް ހެދި ގޮތް ކަމަށެވެ.
އެހެން ކޮން ގޮތެއްތޯ ހަދާނީ ސުވާލުކޮށް ފައްޔާޒު ބުނީ އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފަ އޮތް ހަގީގަތް ކަމަށެވެ.
އެމްޑީޕީގެ އެކްޓިވިސްޓުގެ ވާހަކަތައް ދިފާއުކޮށް ފައްޔާޒު އިތުރަށް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެޕާޓީގެ އެކްޓިވިސްޓު އެހެން ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން ކަމަށެވެ.
”ތި ކުރެއްވި ސުވާލުގައި ކުޅުދުއްފުށި ވާހަކަ ފާހަގަކުރި. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން. އެހެން ވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ،“ ފައްޔާޒު ބުންޏެވެ.
ފައްޔާޒު އިތުރަށް ބުނީ ޕޯޑިއަމްއެއްގައި ދިވެހިރާއްޖޭގެ ތާރީހުގައި ހިންގައި ދިޔަ ކަންތައް ދިވެހިރާއްޖޭގެ ވެރިންނަށް ހަދާންކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ތާރީހަކީ ސިޔާސީ އެހާ ’ކައިންޑް ޕޮލިޓިކްސް‘ އެއް އޮތް ގައުމެއް ނޫންކަމަށާއި އަނިޔާވެރި ބަޔަކު ވެއްޖެއްޔާ އަނެއް ބަޔަކު އަނިޔާވެރިވާނޭ ކަމަށް ފައްޔާޒު ބުންޏެވެ.
”އެހެންވީމަ މުޙައްމަދު އަމީނެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. އަނދިރި އަނދިރިންނަށް ހެދި ގޮތް ކަމެއް އަޅުގަނޑަކަށް ނޭނގެ. ރައްޔިތުންނަށް އަނިޔާވެރި ނުވާތި. އެއީ ދަންނަވަން އޮތް ވާހަކައަކީ“. ފައްޔާޒު ބުނެފައިވެއެވެ.
ފައްޔާޒު އިތުރަށް ބުނީ ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށްވާނަމަ، ދިވެހި ރައްޔިތުން ކުޅޭނީ ދިވެހި ތާރީޙުގެ ފޮތްތަކުން ކަމަށެވެ.
ފައްޔާރު މިހެން ބުނެފައި ވަނީ ކުޅުދުއްފުށި ސިޓީގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ”ޤާނޫނު އަސާސީގެ ދިފާއުގައި“ ގެ ނަމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން، އެ ޕާޓީގެ މެންބަރަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ކުރީގެ ރައީސް އަމީން ދީދީއަށް ހެދި ގޮތް ހަދާލާނެ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.
ފުލުހުން ވަނީ މި މައްސަލަ ފުލުހުންގެ ސަމާޅުކަމަށް އައިސްފައިވާ ކަމަށާއި އެހެންކަމުން މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.




