އާއްމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ސަރުކާރުން ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާތީ އެމުއްދަތުގެ ކުރިން ދައްކަންޖެހޭ ފައިސާ އަވަހަށް ދެއްކުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރައްޔިތުންނަށް އިލްތިމާސް ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމު މިއަހަރުގެ އޭޕްރިލް މަހުގެ 1 އިން ފެށިގެން ސްޓެލްކޯއިން ވަނީ ހަމަޖައްސާ ދީފައެވެ.
ސްޓެލްކޯއިން މިފަދައިން ޖޫރިމަނާ މައާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކުން (ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތަކުން) އެކަނި ކަމުގައިވެސް އެކުންފުނިން ވަނީ ކުރިން ހާމަކޮށްފައެވެ.
އެގޮތުން ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލުތަކުން ޖޫރިމަނާ މަޢާފުކުރެވެނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކަށެވެ.
މިފަދައިން ޖޫރިމަނާ މަޢާފުކުރެވޭ ގޮތަކީ، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވުމެވެ.
އެހެންކަމުން މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމު ސްޓެލްކޯ އިން ވަނީ ހަމަޖައްސައި ދީފައެވެ.
މިގޮތުން، ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށް ވަގުތީގޮތުން އެޖަސްމެންޓެއް ހިމެނިފައިވެއެވެ. އަދި، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 ނުވަތަ billing@stelco.com.mv އަށް އީ-މެއިލް ކުރެއްވުމަށް ސްޓެލްކޯއިން އެދެއެވެ.



