ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލޭގެ އިތުރުން ހަތަރު ރަށެއްގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް މިހާރު ތެޔޮ ވިއްކަން ފަށައިފިއެވެ.
ރައީސް މުޢިއްޒު މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު އއ. އަތޮޅަށާއި ކ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ކ. ގާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޑިސެމްބަރު 10 އިން ފެށިގެން ރާއްޖޭގެ ހަތަރު ރަށެއްގައި ގާއިމު ކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ސައިޓްތަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
އެގޮތުން އިއްޔެއިން ފެށިގެން ހިންމަފުށި، ކޫއްޑު، ފެލިވަރު އަދި ހުޅުމީދޫގެ އެފްއެސްއެމް ސައިޓްތަކުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ފަށާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯ އިން މިއަދު ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން ”އެސްޓީއޯ ރޭޓް“ ގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ”ފަހި ހަކަތަ“ ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސަމުންދާ ކަމަށެވެ.
އެގޮތުން 10 ޑިސެމްބަރު ވީ އަންގާރަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސް މުޢިއްޒު އިއުލާން ކުރެއްވި ގޮތަށް ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން މިހާރު ފަށާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.
އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް ”އެސްޓީއޯ ރޭޓް“ ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް އެސްޓީއޯ އިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯ ރޭޓުން ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމަކީ ރައީސް މުޢިއްޒުގެ އެއް ވައުދުފުޅެވެ. އަދި އެ ވައުދުފުޅު ފުއްދެވުމަށް މިދިޔަ ނޮވެމްބަރު މަހު އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމުގެ މަޝްރޫޢު އެއްވެސް އިފްތިތާހު ކޮށްދެއްވާފައެވެ.


