ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމުގައި ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައީސް ސޯލިޙުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބެލުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިމައްސަލަ ބެލުމަށް ޕީޖީއަށް އެންގުމަށް ނިންމާފައިވާއިރު، މަޖިލީހުން ކޮމިޓީގެ ނިންމުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ވޯޓާއި އެކުއެވެ. މިކަމާއި ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 11 މެންބަރެކެވެ.
މިމައްސަލަ ބެލުމަށް ޕީޖީއަށް އެންގުމުގެ އިތުރުން މިއަދު މަޖިލީހުގައި 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ނިންމައި ފާސްކޮށްފައިވާއިރު، އެ އެއްބަސްވުންތަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އެންގުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެއްވެސް ބަޔަކަށް ބަދަލު ދީފައި ވަނީ މާލިއްޔަތު ގާނޫނާ ޚިލާފަށް ކަމުގައިވާނަމަ އެވެސް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އަންގަން ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި ކުރީ ސަރުކާރުން ވަނީ އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަމިއްލަ ފަރާތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި އުވާލާފައެވެ. އަދި އެކޮމިޓީން ބެލި މައްސަލަތައް ބަންޑާރަނައިބުގެ ލަފައާއެކު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.




