ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޓެކްސީ ޑްރައިވަރުންގެ އިޖުތިހާދުގެ ތެރެއިން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރޭ ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން، އާއްމު ދަތުރު ފަތުރަށް ހުރަސް އަޅައި، މަގުތައް ބްލޮކް ކޮށްފައިވާ މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ނުއުމާން އަހްމަދު ބަންދުން ދޫކޮށްލަން ކޯޓުން އަމަރުކޮށްފައެވެ. އަދި މުހައްމަދު ޝާމިނާއި އަހްމަދު ޝަބީން ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
އިއްޔެ ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ފެށި އިހުތިޖާޖުގައި ޑްރައިވަރުންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބެއް ނުދިނުމުގެ ސަބަބުން ޑްރައިވަރުން ވަނީ ހުޅުމާލެއަށް އަރަން އޮންނަ ހަލިމަގު ބަންދުކޮށްފައެވެ. މީގެ ސަބަބުން ޓްރެފިކް ބޮޑުވެ، މަގު ތޮއްޖެހުމުން ފުލުހުން ވަނީ އިހުތިޖާޖު ރޫޅާލައި، މަގު ހުޅުވުމަށް މަސައްކަތް ކޮށްފައެވެ. އަދި އެއްބާރުލުން ނުދޭ ޓެކްސީ ޑްރައިވަރުންގެ ކާރުތައް ޓޯކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
އެއަށްފަހު، ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް، 22 ޓެކްސީ ޓޯ ކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


