މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ދަހާ ޝުޢަޢިބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މީރާގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަލްއުސްތާޛު މަޚްޒޫމް ސަލީމްގެ ދައުރު ހަމަވުމާއި ގުޅިގެން ހ.ކެރީބިއަން، ދަހާ ޝުޢަޢިބު އެ މަޤާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ވޯޓާއިއެކު އިއްތިފާޤުންނެވެ.
ދަހާ ވަނީ އިންޑިއާގެ ބެންގަލޯރ ޔުނިވާސިޓީއިން 2013 ވަނަ އަހަރު އިކޮނޮމިކްސް ދައިރާއިން މާސްޓަރ ހާސިލްކުރައްވާފައެވެ. އަދި އެއަހަރުން ފެށިގެން އޭނާ އަންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި މަސައްކަތް ކުރައްވަމުންނެވެ.
އެމްއެމްއޭގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާއިރު، މިހާރު ދަހާ މަސައްކަތް ކުރަމުންދަނީ އެމްއެމްއޭގެ މަނިޓަރީ އެންޑް އެކްސްޗޭންޖް ރޭޓް ޕޮލިސީ ޑިވިޝަންގެ އިކޮނޮމިސްޓެއްގެ މަޤާމުގައެވެ.



