ރާއްޖެއަށް މެޑިކަލް ޓޫރިޒަމް ތައާރަފުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި އޭޑިކޭ ހޮސްޕިޓަލާ ދެމެދު މިއަދު ވެވުނު މިއެއްބަސްވުމެއްގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އޭޑީކޭގެ ފަރާތުން ސޮއިކުރީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ’ސަން އޮންލައިން‘ އިން އައްފާލް އާއި ހަވާލާދީ ރިޕޯޓުކޮށްފައުވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއާ ގުޅިގެން ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ތައާރަފުކޮށް، އެކަން ކުރިއަރުވަން މަސައްކަތް ކުރެވޭނެއެވެ.
މީގެއިތުރުން، އެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ހޯދަން ރާއްޖެއިން ބޭރުގެ މީހުން އައިސް ޚިދުމަތް ހޯދޭނެ ގޮތް ތައާރަފުކޮށް، ހިންގާ ސިއްހީ އަދި ތައުލީމީ ކޮންފަރެންސް ފަދަ ހަރަކާތްތަކަށް ވެސް ރާއްޖޭން ބޭރުގެ މީހުން ގެނައުމުގެ ފުރުސަތުތައް އިތުރުކުރަން ވެސް މަސައްކަތް ކުރާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
އައްފާލް އާއި ހަވާލާދީ ސަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެޑިކަލް ޓޫރިޒަމްގެ ޒަރިއްޔާއިން ރާއްޖޭގެ ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މަސައްކަތްކޮށް މިއަދުން ފެށިގެން މި އެއްބަސްވުމުގެ މަސައްކަތްތައް ކުރިއަށް ދާނެއެވެ.




