އިޒްރޭލުން ޣައްޒާ ސަރަޙައްދުގައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ (އަންރުވާ) އަށް ތާއީދުކުރުމަށް އދ. ގެ އާންމު މަޖިލީހުން 2 ގަރާރެއް ފާސްކޮށްފިއެވެ.
ބުދަ ދުވަހު އެސެމްބްލީން ފާސްކުރި ފުރަތަމަ ޤަރާރުގައި ވަނީ ޣައްޒާގައި ވަގުތުން، އެއްވެސް ޝަރުތަކާ ނުލައި އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. މި ޤަރާރު ފާސްވެފައިވަނީ 193 މެމްބަރުންގެ ތެރެއިން 158 މެމްބަރުން ތާއީދުކޮށް، 9 މެމްބަރުން ދެކޮޅަށް ވޯޓުދީގެންނެވެ. ވޯޓުގައި ބައިވެރި ނުވީ 13 މެމްބަރުންނެވެ.
ދެވަނަ ޤަރާރުގައި ވަނީ އަންރުވާއަށް ތާއީދުކޮށް، އިސްރާއީލުގައި އަންރުވާގެ މަސައްކަތް ކުރުން މަނާކުރުމަށް އިސްރާއީލުން ހަދާފައިވާ އައު ޤާނޫނެއް ކުށްވެރިކޮށްފައެވެ. މި ޤަރާރު ފާސްވެފައިވަނީ 159 މެމްބަރުން ތާއީދުކޮށް، 9 މެމްބަރުން ދެކޮޅަށް ވޯޓުދީގެންނެވެ. ވޯޓުގައި 11 މެމްބަރު ގައުމަކުން ބައިވެރިއެއް ނުވެއެވެ.
މި ދެވަނަ ޤަރާރުގައި އިސްރާއީލުން އަންރުވާގެ މެންޑޭޓަށް އިޙްތިރާމްކުރުމަށާއި، ”އިސްރާއީލުގެ ސަރުކާރުން ބައިނަލްއަޤްވާމީ އިލްތިޒާމުތަކަށް ތަބާވުމަށާއި، އަންރުވާގެ އިމްތިޔާޒުތަކާއި ރައްކާތެރިކަމަށް އިޙްތިރާމްކުރުމަށާއި، އަދި ޣައްޒާގެ މުޅި ސަރަޙައްދަށް އަވަހަށް، ރައްކާތެރިކަމާއެކު އަދި އެއްވެސް ހުރަހެއްނެތި ހުރިހާ ބާވަތެއްގެ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް“ ވަނީ ގޮވާލާފައިވެއެވެ.
މި ދެ ވޯޓަކީ އދ. ގައި ދެ ދުވަހުގެ މުއްދަތަށް ދެއްކުނު ވާހަކަތަކުގެ ނަތީޖާއެކެވެ. މި ވާހަކަތަކުގައި ގިނަ މެންބަރު ގައުމުތަކުން ވަނީ އިސްރާއީލުން ފަލަސްޠީނުގެ އަމާޒުގައި 14 މަސްދުވަހުގެ މުއްދަތަށް ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.




