ކީރިތި ޤުރްއާނާއި މެދު ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ކީރިތި ޤުރުއާން އަހަރުމެންނާއި ހަމައަށް އައިސްފައި ވަނީ ބާވައިލެއްވި ގޮތަށެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ޒަމާނުން ފެށިގެން، މި އަދާ ހަމައަށް، ކީރިތި ޤުރްއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާ ހައި ގިނަ ޢަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށެވެ.
ކީރިތި ޤުރްއާނަކީ، اللهގެ ކަލާމްފުޅުކަމާއި އެ ފޮތް އަހަރެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ފޮތް ބާވައިލައްވަން ފެއްޓެވުމާހަމައިން ފެށިގެން މިއަދާ ހަމައަށް ވެސް އެ ކަން އެގޮތަށް ދެމި އެބަ އޮތް ކަމަށާއި މީގެ ބޭނުމަކީ، މުސްލިމުން الله އާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، އެއުރެން ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި ޢަޤީދާއާ އެއުރެން ދުރުކޮށް އިސްލާމީ ޝަރީޢަތާ ބީރައްޓެހި ކުރުވުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މި ޒަމާނުގައި، ނޭނގި ތިއްބައި، އެ ފަދަ މީހުންގެ ދަލުގައި ޖެހި، މަޅީގައި ބެދުމަކީ ދުރުކަމެއް ނޫން ކަމަށެވެ.
ޙުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ކީރިތި ޤުރްއާނާ މެދު ޝައްކު އުފައްދާން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، އެއީ اللهގެ ކަލާމްފުޅު ނޫންކަމަށް ބުނެ މައްކާގެ މުޝްރިކުން ދެއްކި ތަފާތު ވާހަކަތަކެވެ. ނަމަވެސް މާތްﷲ އެ މީހުންނަށް ރައްދު ދެއްވައި އެ މީހުން އެ ކުރަނީ ތެދު ދަޢުވާއެއް ކަމުގައި ވަނީ ނަމަ، އެ މީހުން ވެސް އެފަދަ ޤުރްއާނެއް ގެނެސްގަތުމަށް އެންގެވީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ އެންމެ އާޔަތެއް ހެދުމަށް ވެސް އެމީހުން ކުޅާދާނަ ނުވުމުން ކީރިތި ޤުރްއާނާ އެއްފަދަ ފޮތެއް ގެނެސްގަތުމަކީ އިންސީންނާއި ޖިންނީން ގުޅިގެން މަސައްކަތް ކުރިޔަސް ކުރެވޭނެ ކަމެއް ނޫންކަމުގައި މާތްﷲ އެންގެވިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް، ކީރިތި ޤުރްއާނުގައި އެބަހުރިކަން ޚުތުބާގައި ބުންޏެވެ. އޭގެ ތެރެއިން އެއް ހެއްކަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ތަފުޞީލުކޮށް ބަޔާންކުރެވިފައިވުން ކަމަށާއި މިއީ އެ ޒަމާނުގައި އިލާހީ ވަޙީގެ ޒަރީޢާއިން ނޫން ގޮތަކަށް، އެއްވެސް މީހަކަށް އެނގޭނެ މަޢުލޫމާތެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، އިސްލާމް ދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު اللهގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް މިއަދުގެ ޚުތުބާގައި ބުނީ ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން ކީރިތި ޤުރްއާނުގައި މާތްﷲ އަންގަވައިފައިވާ ކަމަށެވެ.




