ބޭރު ފައިސާ އާއި ބެހޭ ބިލު ފާސްކޮށްފައި އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ކުރިން ވެސް ވިދާޅުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބޭރު ފައިސާއާބެހޭ ބިލު ކޮމިޓީން ދިރާސާ ކުރުމުގައި ކަމާގުޅުންހުރި ބޭފުޅުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ބިލް ފާސްކޮށްފައި ވަނީ ބޭފުޅުންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މީގެ ތިރީހަކަށް އަހަރު ކުރީއްސުރެ ޓޫރިޒަމް ވިޔަފާރުތަކުން ޑޮލަރު މާރުކުރަންޖެހޭގޮތަށް ހަދައި، އެ ގޮތަށް އަމަލުކުރަމުން ދިޔަނަމަ، މި ސަރަހައްދުގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށާއި، ރާއްޖޭގައި ބޭރު ފައިސާ ދަތިކަން ދިމާވެގެން އުޅޭ ސަބަބަކީ އެއީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވާނީ، މިއީ މީގެ ތިރީހަކަށް އަހަރު ކުރިން ފާސްކޮށްފައި އޮންނަންޖެހޭ ގާނޫނެކޭ. އެ ގާނޫނު މީގެ ތިރީހަކަށް އަހަރު ދުވަސް ކުރިން ފާސްކޮށްފައި އޮތްނަމަ، ދިވެހިރާއްޖެ ވެގެންދާނީ މި ސަރަހައްދުގެ އެންމެ މުއްސަނދި އެއް ގައުމަށް،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްއެމްއޭއިން ބޭރު ފައިސާއާބެހޭ އާ ގަވާއިދެއް އެކުލަވާލުމަށްފަހު ގާނޫނުގައި އެކަން ހިމެނުމަށް މިދިޔަ ހޯމަދުވަހު ބޭރު ފައިސާ އާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު، އިއްޔެ މަޖިލީހުން ވަނީ މިބިލު ފާސްކޮށްފައެވެ.




