ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް އަރުވައިފިއެވެ.
އިއްޔެ ބަކިންހަމް ޕެލަސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނަށް އަރުވާފައިވާއިރު، މިރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް ވަނީ ސަފީރުގެ މަގާމާ އިރުތިޝާމް ހަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް މަރުހަބާ ދަންނަވާފައެވެ.
މިރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، ސަފީރު އިރުތިޝާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރަސްގެފާނަށް އެރުވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު އިނގިރޭސިވިލާތުގައި އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ”ސެއިންޓް ޖޭމްސް ކޯޓް ލަންޑަން – އަ ތާޖް ހޮޓެލް“ގައި ޚާއްސަ ރިސެޕްޝަނެއް ވެސް ވަނީ ބާއްވާފައެވެ. މިރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ޑިޕްލޮމެޓިކް ކޯ ގެ ޑީން ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާޓިނޭޒްއާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި މޯލްޑިވްސް – ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ ޗެއާއާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިން އަދި އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަޙްމަދު މުޙައްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ވެސް މި ރިސެޕްޝަންގައި ބައިވެރިވެވަޑައިގެންފައިވެއެވެ.


